އޭނާގެ ޕޯޗުގަލް އަށް ވޯލްޑްކަޕްގެ ތަށި ހޯދައިދިނުމުގެ ހުވަފެން "ނިމިއްޖެ" ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނެފައިމިވަނީ ކުއާޓަރ ފައިނަލްގައި މޮރޮކޯ ކައިރިން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓުމަށްފަހު އޭނާގެ ސަޕޯޓަރުންނާއި މުހާތަބުކޮށް އިއްޔެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައެވެ.

ޕޯޗުގަލް މުބާރާތުން ކެޓުމަށްފަހު ފުރަތަމަ ފަހަރަށް އެކަމާއި ގުޅިގެން ވާހަކަދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ މުބާރާތުގައި އޭނާގެ ގައުމަށްޓަކައި އޭނާ ވަރަށް މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.

"ޕޯޗުގަލްއަށް ވޯލްޑްކަޕެއް ހޯދައިދިނުމަކީ އަހަރެންގެ ކެރިއަރުގެ އެންމެ ބޮޑު އަދި އެންމެ ހަގީގަތަކަށް ހަދަން ބޭނުންވި ހުވަފެން." ރޮނާލްޑޯ ބުނެފައިވެއެވެ.

މި ޕޯސްޓުގައި މޮރޮކޯގެ މެޗަށްފަު ރޮނާލްޑޯ ދެރަވެފައި ހުރެގެން ދަނޑުން ފައިބައިގެންދާތަން ފެންނަ ފޮޓޯއެއްވެސް ޖަހާފައިވެއެވެ.

ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ ބުނެފައިވަނީ އޭނާއާއި ގުޅިގެން ވަރަށް ގިނަ ވާހަކަތައް ދެކެވިފައިވާ ކަމަށާއި، ވަރަށް ގިނަ އެއްޗެހި ލިޔެވިފައިވާ ކަމަށާއި އަދި ވަރަށް ގިނަ ގޮތްގޮތަށް އޭނާ އާއި މެދު ދެކެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ވަގުތުކޮޅަކަށްވެސް ޕޯޗުގަލްއަށްޓަކައި އޭނާގެ ހިތުގައި އޮތް އަޒުމަށް ގުޑުމެއް ނާރާ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.

"16 އަހަރުމަތިން 5 ވޯލްޑްކަޕްގައި އަހަރެން ބައިވެރިވެ، ހުނަރުވެރި ކުޅުންތެރިންނާއި އެކުގައި ކުޅެ، އެތައް މިލިއަން ޕޯޗުގަލް މީހުންގެ ސަޕޯޓެއް ލިިބިފައިވާއިރު، އަހަރެންނަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކުރިން."

ރޮނާލްޑޯ ބުނެފައިވަނީ ދަނޑުމަތީގައި އޭނާގެ ބެސްޓު ދޭ ކަމަށާއި، ދުވަހަކުވެސް އެ ހުވަފެން މަތިން އުންމީދު ކަނޑާލާފައިނުވާނެކަމަށެވެ.

"އެކަމަކު ނަސީބުދެރަކަމުން އިއްޔެ އެ ހުވަފެން ނިމިއްޖެ." ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ ބުނެފައިވަނީ އޭނާ ޓީމުގެ މެމްބަރުންނަށާއި ގައުމަށް ދުވަހަކުވެސް ފުރަގަސްނުދޭނެ ކަމަށެވެ. އޭނާގެ ޕޯސްޓް ނިންމާލާފައިވަނީ ޕޯޗުގަލަށާއި ގަތަރަށްވެސް ޝުކުރު އަދާކުރަމުންނެވެ.

"މި ވަގުތު ދެން މާ ގިނަ އެއްޗެއް ބުނާކަށް ނެތް. ޝުކުރިއްޔާ ޕޯޗުގަލް. ޝުކުރިއްޔާ ގަތަރު. އެ ހުވަފެން ދެމި އޮތްހާ ހިނދަކު އެއީ ރީތި ހުވަފެނެއް." ނިންމާލަމުން ރޮނާލްޑޯ ބުނެފައިވެއެވެ.

37 އަހަރުގެ ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 5 ވަނަ ވޯލްޑްކަޕް ނިންމާލިއިރު ބައިނަލްއަގުވާމީ ފުޓްބޯޅައިން އޭނާ ރިޓަޔާ ކުރަން އުޅޭ ވާހަކަތަކެއް މީޑިއާގައި ވަނީ ދެކެވިފައެވެ. ނަމަވެސް މިކަމާއި ގުޅިގެން އޭނާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.