ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ގޯލާއެކު އަލް ނަސްރުން އަލް ޝަބާބު ބަލިކޮށްފިއެވެ.

މި މޮޅާއެކު އަލް ނަސްރު ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފައެވެ. އެއީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 4-0 އިންނެވެ. މިއީ މި ސީޒަންގެ ލީގުގައި އަލް ނަސްރުން ހޯދި ދެ ވަނަ މޮޅެވެ.

އަލް ނަސްރުގެ ފުރަތަަމަ ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑާއެވެ. އަދި އޭގެ ހަ މިނެޓް ފަހުން އެޓީމުގެ މާސެލޯ ބްރޮޒޮވިޗް ނަގައިދިން ކޯނަރެއްގައި ރޮނާލްޑޯ ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން އަލް ނަސްރުގެ ކުޅުންތެރިއަކު ފައުލުކޮށްފައިވާތީ އެއީ ރަނގަޅު ލަނޑެއް ނޫން ކަމަށެވެ.

މިމެޗުގައި އަލް ނަސްރުން ކާމިޔާބުކުރި ދެވަނަ ލަނޑު ވެސް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ރޮނާލްޑޯއެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އަލް ނަސްރުގެ ތިން ވަނަ ލަނޑު ޖަހައި، އިތުރަށް ލީޑު ފުޅާކޮށްދިނީ މާނޭއެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

އަލް ނަސްރުގެ ހަތަރުވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ސުލްތާން އަލް ޣަންނާމްއެވެ. މިއީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައިޖެހިފައި ބޭރަށް ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލީގުގައި އެ ޓީމަށް ދެން އޮންނާނީ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އަލް ހަޒަމާ ދެކޮޅަށް ކުޅޭ މެޗެވެ.