ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީގެ އަލް ނަސްރު، ފުޓުބޯޅައިގެ މައި އިދާރާއިން ސަސްޕެންޑު ކޮށްފިއެވެ.

މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން އަލް ނަސްރު ސަސްޕެންޑު ކޮށްފައި ވަނީ އައު ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވޭ ގޮތަށެވެ.

ދުނިޔާގެ ފުޓްބޯޅަ ޖަމިއްޔާއިން މި ކުލަބު ސަސްޕެންޑްކުރީ 2018 ވަނަ އަހަރު ލެސްޓާ ސިޓީން ގަތް ނައިޖީރިއާ ކުޅުންތެރިޔާ އަހުމަދު މޫސާގެ ޓްރާންސްފަރ ފީގެ ބައެއް ނުދީ ހުރުމުންނެވެ. އެއީ 390000 ޕައުންޑާއި މި މުއާލަތާ ގުޅުންހުރި ފައިސާއެއްވާ ނަމަ އެފައިސާއަކާއި ފައިސާ ދެއްކުން ލަސްވުމުން ވެފައިވާ ޖޫރިމަނާއަށްވާ ފައިސާއެވެ.

މިވަރުގެ ފައިސާއެއް ދެއްކުމަށް މި ކުލަބަށް އުނދަގޫ ނުވި ނަމަވެސް ފީފާގެ ސަސްޕެންޝަންގެ އަސަރު ވަރަށް ބޮޑަށް ކުލަބަށް ކުރާނެއެވެ. ޔޫރަޕުން ބޮޑު އަގުގައި ކުޅުންތެރިން ގަތުމުގައި ސައުދީގެ ކުލަބު ތަކުން ފޫގަޅާފައި ވާއިރު، އާ ކުޅުންތެރިން ރެޖިސްޓަރީ ނުކުރެވޭ ނަމަ އަންނަ ސީޒަނަށް ޓީމަށް ކުޅުންތެރިން ނުގެނެވޭނެއެވެ.

އަލް ނަސްރު ކުލަބަށް ފީފާއިން އަންގާފައިވަނީ މި ފައިސާ ދެއްކުމުން ނޫނީ ކުރިއަށް އޮތް ތިން ޓްރާންސްފާ ޕީރިއަޑްގައި ވެސް ކުޅުންތެރިން ނުގަނެވޭނެ ކަމުގައެވެ. މިއާއެކު ކުލަބުން ބުނެފައިވަނީ އައު ސީޒަނަށް ބޭނުންވާ ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް މި ފައިސާ ދައްކައި ހަލާސް ކުރާނެ ކަމަށެވެ.

އަލް ނަސްރުއިން ރޮނާލްޑޯ ގަތީ 175 މިލިއަން ޕައުންޑް އަހަރަކު ލިބޭ ކޮންޓްރެކްޓެއް ދީފަ އެވެ. އަދި އިންޓަމިލާނަށް ކުޅުނު ކްރޮއޭޝިޔާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ވަނީ އައު ސީޒަނަށް އެކުލަބަށް ގެންގޮސްފަ އެވެ.