އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފުރާންސް ގެ ސުކޮޑްގައި ފެތުރެމުންދާ ވައިރަހުގެ އަސަރުކޮށް، ފްރާންސް ގެ ޤައުމީ ޓީމުގެ މުހިންމު ދެ ކުޅުންތެރިންނަށް ފައިނަލުގައި ނުކުޅެވޭނެ ކަމުގެ ބިރު ހީވެއްޖެއެވެ.

އެގޮތުން އާދީއްތަ ދުވަހު އާރޖެންޓީނާ އާއި ދެކޮޅަށް ކުޅޭ ވޯލްޑްކަޕްގެ ފައިނަލް މެޗުގައި ނުކުޅެވޭނެ ކަމުގެ ބިރު ހީވެފައިވަނީ ފްރާންސްގެ ފުރަތަމަ 11 ގެ ދެ ސެންޓަރބެކުން ކަމަށްވާ ރަފައެލް ވެރާން އާއި އިބްރާހިމާ ކޮނާޓޭ އަށެވެ.

މި މުބާރާތުގެ މެދުތެރެއިން ފެށިގެން ފުރާންސް ގެ ސުކޮޑްގެ ތެރޭގައި ވަނީ ހުމުގެ އަލާމާތްތަކާއި އެކު ވަރުގަދަ ރޯގާއެއް ފެތެރެން ފަށާފައެވެ. ފުރާންސުންވެސް ބުނަނީ މިއީ މި މުބާރާތަށް ޤަތަރުން ބޭނުން ކުރާ އެއަރ ކޮންޑިޝަންތަކުގެ މައްސަލައެއް ކަމަށެވެ. އެއަރ ކޮންޑިޝަން ތަކުގެ ސަބަބުން ކުޅުންތެރިން ބަލިވާ ކަމަށާއި، އަދި އޭގެ ސަބަބުން ކުޅުމަށް ނޭދެވޭ އަސަރު ކުރާކަމަށް ބުނެ މީގެ ކުރިން ބްރެޒިލްގެ ކުޅުންތެރިން ވެސް ވަނީ ޝަކުވާ ކޮށްފައެވެ.

މުޅި ދުނިޔެ އެ މެޗަކަށް އިންތިޒާރު ކުރަމުންދާ ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑް ކަޕުގެ ފައިނަލް މެޗު ފެށެން 48 ގަޑިއިރަށް ވެފައިވަނިކޮށް، ފުރާންސް ޓީމުގެ ދިފާއީ ފާރުގެ މުހިންމު ދެ ތަނބަށް މިފަދަ ހާލަތެއް ދިމާވުން ވާނީ އެމީހުންނަށް ފޫބައްދަށް އުނދަގޫ ވާނެ ކަމަކަށެވެ. އެއީ މިހާރުވެސް ފުރާންސް ގެ މުހިންމު އެތައް ކުޅުންތެރިންނެއް ހުމާއި ރޯގާގެ ސަބަބުން ކުޅުމާއި ދުރުގައި ތިބުމާއިވެސް އެކީގައެވެ.

އިނގިރޭސި ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ވެރާން އާއި، ލިވަރޕޫލަށް ކުޅޭ ކޮނާޓޭ އަކީ ފުރާންސުން އެންމެ ފަހުން މޮރޮކޯ އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގައި މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ. އަދި ހަމަ ޔަޤީނުން ވެސް ކޯޗުގެ ފައިނަލް މެޗުގެ ރޭވުންތަކުގައި މި ދެ ކުޅުންތެރިން ހިމެނޭނެތީ، މިއީ ފުރާންސް ތަށި ދިފާއުކުރަން ކުރާ ތާރީހީ މަސައްކަތަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހަކަށް ވާނެއެވެ.

ހުކުރު ދުވަހުގެ ހެނދުނު ހޭލިއިރު މިދެ ކުޅުންތެރިންގެ ކިބައިން ހުމާއި ރޯގާގެ އަލާމާތްތައް ފެނިފައިވާތީ، ކުރިއަށް އޮތް 24 ގަޑިއިރު ދެ ކުޅުންތެރިން އެކަހެރިކޮށް، އެމީހުންގެ ހާލު ކައިރިން ބަލަމުންދާނެއެވެ.

ފުރާންސްގެ އިތުރު ކުޅުންތެރިންވެސް ވަނީ މިފަހުން ހުމާއި ރޯގާގެ ޝިކާރަކައަށް ވެފައެވެ. އެގޮތުން ޑިފެންޑަރު ޑަޔޮޓް އަޕަމަކާނޯ އަދި މިޑްފީލްޑަރ އެޑްރިއެން ރެބިއޮޓްއަށްވެސް ވަނީ ހުމުގެ ސަބަބުން ސެމީ ފައިނަލް މެޗުގައި ކުޅެވޭ ގޮތް ނުވެފައެވެ. އަދި ބަދަލު ކުޅުންތެރިއެއް ކަމަށްވާ ކިންގްސްލީ ކޯމަންވެސް ވަނީ ބަލިވެފައެވެ.

ފުރާންސްގެ ޓީމުގެ ހާލަތާއި ބެހޭ ގޮތުން ނޫސްވެރިންނާއި ވާހަކަދައްކަމުން ފުރާންސްގެ ޤައުމީ ޓީމުގެ ކޯޗު ޑިޑިއަރ ޑިޝޭމްޕްސް ބުނެފައިވަނީ، ފުރާންސްގެ ސްކޮޑުގައި ހުމާއި ރޯގާ ގެ ކޭސްތަކެއް އެބަ އުޅޭކަމަށާއި، ނަމަވެސް ހުރިހާ ސުކޮޑުގެ ބައިވެރިން ވެސް ވަރަށް ފަރުވާތެރި ކަމާއެކު ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ

ޑިޝޭމްޕް އިތުރަށް ބުނެފައިވަނީ ވަރުގަދަ މެޗުތައް ކުޅުމުގެ ސަބަބުން ކުޅުންތެރިންގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ރޯގާ ފަދަ ބަލި ޖެހުމުން ހާލަތު އިތުރަށް ގޯސްވެފައިވާކަމަށެވެ.

ފުރާންސްގެ ކޯޗާއި، ކުޅުންތެރިންނާއި އަދި ސަޕޯޓަރުންވެސް މި ވަގުތު އުންމީދުކުރަނީ ބަލިވެފައިވާ ކުޅުންތެރިން އަވަހަށް ފިޓްވެ، އާދީއްތަ ދުވަހުގެ މެޗުގައި ވަރުގަދަ ކުޅުމެއް ދައްކާ، މިފަހަރުވެސް ވޯލްޑްކަޕްގެ ތަށި އުފުލާލާ މަންޒަރު ދެކިލުމަށެވެ.