ނީސްގެ ފްރާންސް ޑިފެންޑަރު ޖީން ކްލަޔާ ޓޮޑިބޯއަށް މެންޗެސްޓާ ޔުނައިޓެޑުން ފާރަލާން ފަށައިފި ކަމަށް ބޭރުގެ ރިޕޯޓްގަކުން ބުނެފިއެވެ.

ޔުނައިޓެޑުން މިވަގުތު އެންމެ އިސްކަމެއް ދޭންޖެހެނީ އެމީހުންގެ ޑިފެންސް ވަރުގަދަކުރުމަށެވެ. މިއީ ސަޕޯޓަރުންނާއި ޔުނައިޓެޑުގެ މެނޭޖްމެންޓްވެސް ދެކޮޅު ހަދާނެކަމެއް ނޫނެވެ. ޔުނައިޓެޑުގެ ޑިފެންސުން ހެދޭ ގޯސްތަކާއެކު އެކްލަބު ކޮޅަށް ގިނަ ލަނޑުތަކެއް މިފަހަކަށް އައިސް ވަދެފައިވާކަން ފާހަގަކުރެވެއެވެ.

ޔުނައިޓެޑުން ހޯދުމަށް މަސައްކަތްކުރާ އުމުރުން 23 އަހަރުގެ ޓޮޑިބޯއަކީ ބާސެލޯނާއަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އެ ކްލަބުން އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބިފައި ނުވާ އިރު، ގިނައިން ފެނިގެންދިޔައީ ލޯނުގެ ދަށުން އެހެން ކްލަބުތަކުންނެވެ. ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ދެ އަހަރު ހޭދަކުރުމަށްފަހު، ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ޓޮޑިބޯ ނީސްއާ ގުޅުނީ 2021 ވަނަ އަހަރުއެވެ.

ޔުނައިޓެޑުން ޓޮޑިބޯ ހޯދުމަށް މަސައްކަތް ފަށާފައިވަނީ އެކުލަބުގެ ޑިންޑަރު ހެރީ މެގުއާ ދޫކޮށްލުމުގެ ވިސްނުމުގައެވެ. ޔުނައިޓެޑުން މެގުއާ ދޫކޮށްލުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، އަދި އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އެގޮތުން ވެސްޓް ހާމުން އޭނާ ހޯދުމަށް މަސައްކަތްތަކެއް ކުރުމަށްފަހު، އެ ވިސްނުން ފަހުން ދޫކޮށްލިއެވެ.

ޔުނައިޓެޑުން މޮޅު ޑިފެންޑަރެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެކުލަބުން ވަނީ ބަޔާން މިއުނިކަށް ކުޅެމުންދާ ފްރާންސް ޑިފެންޑަރު ބެންޖަމިން ޕަވާޑް ހޯދުމަށް ވެސް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޕަވާޑަށް ހުށަހެޅި ބިޑު ބަޔާނުން ގަބޫލުކޮށްފައެއް ނުވެއެވެ. މިހާރު ޕަވާޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ އިންޓަ މިލާން ކަމަށް ރިޕޯޓުތައް ބުނެއެވެ.