އިންޓަ މިލާންގައި މަޑުކުރަން ބޭނުންވާ ކަމަށް ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފިއެވެ.

ޗެލްސީގައި ހުރުމަށްފަހު ދެ ވަނަ ފަހަރަށް ލުކާކޫ އިންޓަ މިލާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އިންޓަ މިލާނަށް ބަދަލުވެ އޭނާ އެ ޓީމަށް ކުޅެދިން ފަސް މެޗުން ވަނީ ދެ ލަނޑު ޖަހައިފައެވެ. ދެ ވަނަ ފަހަރަށް އިންޓަ މިލާނަށް ބަދަލުވުމުން ލޫކާކޫ ވަނީ ޗެލްސީގައި އޭނާގެ މުސާރަ ކުޑަކުރަން ވެސް ނިންމާފަ އެވެ. ނަމަވެސް އިންޓަ މިލާންގައި ކުޅެމުން އަންނަނިކޮށް، ފީފާ ވޯލްޑް ކަޕްގެ ކުރިން ލުކާކޫ އަށް ވަނީ އަނިޔާވެފައެވެ. ނޮވެމްބަރު މަހުގެ ކުރީކޮޅު އިންޓަ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން ލުކާކޫ އަށް އަނިޔާވި ނަމަވެސް، ވޯލްޑް ކަޕަށް އޭނާ ވަނީ ފިޓުވެފައެވެ. އަދި ވޯލްޑް ކަޕްގައި އޭނާ ވަނީ ކުޅެފައެވެ. ނަމަވެސް މުޅިން ފިޓު ނުވުމުގެ ސަބަބުން ލުކާކޫ ބެލްޖިއަމްގެ ތިން މެޗު ވެސް ކުޅުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ވޯލްޑް ކަޕަށްފަހު ކުލަބް ފުޓުބޯޅަ އަށް އެނބުރި އައުމަށްފަހު ލުކާކޫ ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ އުންމީދަކީ އިންޓަ މިލާންގައި މަޑުކުރުން ކަމަށެވެ. އޭނާ ބުނީ އެ ކުލަބާއެކު ކުރިއަށް ދާން ބޭނުންވަނީ ކުލަބު ދެކެ ލޯބިވާތީ ކަމަށެވެ. އަދި އިންޓަ މިލާންގަައި މަޑުކުރުމަށް ޗެލްސީއާއެކު ވާހަކަތައް ދައްކާނެ ކަމަށާއި، އެއަށްފަހު ޙައްލެއް ހޯދާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޗެލްސީގެ އީނަރު ޓޮޑް ބޯލީ އޭނާ ދޫކޮށްލަން ނިންމީ، ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އާއި ލުކާކުއާ ދެމެދު އޮތް ގުޅުން ތެދަށް ކިޔައިދިނުމުން ކަމަށެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ލުކާކޫ ދޫކޮށްލުމަށްފަހު، ޗެލްސީން ވަނީ ކުލަބަށް އައު ކުޅުންތެރިން ހޯދައިފައެވެ.