އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބް އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ރާއްޖޭގެ ނަން ޖެހުމަށް އެ ކުލަބުން ނިންމައިފިއެވެ.

އާސެނަލް އިން ވަނީ ދަނޑު ބޭރުގައި ޖަހާފައި ހުރި ބިލް ބޯޑުތަކަށް އަންނަ ބަދަލުތައް ވީޑިއޯއެއް މެދުވެރިކޮށް އާންމުކޮށްފައެވެ. އެތަނުން އެއް ބިލް ބޯޑުގައި އެ ޓީމުގެ ފޭން ބޭސްތަކުގެ ނަން ބޭނުންކޮށްފައެވެ.

އެ ބިލް ބޯޑުގައި "އާސެނަލް މޯލްޑިވްސް" މިގޮތަށް ޖެހުމަށް އެ ކުލަބުން ވަނީ ނިންމައިފައެވެ. އޭގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގެ ނަންތައް ޖަހާފައި ހުރެއެވެ. އޭގެ ތެރޭގައި ބްރެޒިލް، ޖަރުމަނު، ސައުދީ އަރަބިއްޔާ، އެމެރިކާ، މެކްސިކޯ، ސްޕެއިން، ޕޯޗުގަލް ފަދަ ގައުމުތައް ހިމެނެއެވެ.

މީގެއިތުރުން، އާސެނަލް އަށް ކުޅުނު ބައެއް މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ބިލް ބޯޑެއް ވެސް ޖަހާނެއެވެ. އޭގެ އިތުރުން ބައެއް އެހެން ބިލް ބޯޑުތައް ވެސް ޖެހުމަށް އާސެނަލް އިން ވަނީ ނިންމައިފައެވެ.

އާސެނަލް އިން ބުނީ އާ ބިލް ބޯޑުތައް ކުރެހުމުގައި އުޅުނު ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބިލް ބޯޑުތައް ހަރުކޮށް ނިމޭނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަގްސަދުގައި ސްޕެނިޝް ލަ ލީގާގެ ކްލަބެއް ކަމުގައިވާ ސެލްޓަ ވީގޯއާ އެކު 2019 ވަނަ އަހަރު ރާއްޖެ އިން މީގެކުރިން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ އިން ހަރަދު ކުރިއެވެ.

މި އެއްބަސްވުމުގެ ދަށުން ތިން އަހަރު ވަންދެން ސެލްޓަ ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމްގެ އިތުރުން އެ ޓީމުން ބޭނުން ކުރާ ޕްރޮފެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކުލަބްގެ ކުޅުންތެރިން ވެސް ރާއްޖެ އިސްތިހާރުކޮށްފައިވެއެވެ.

ޕްރިމިއާ ލީގުގައި އާސެނަލް އޮތީ މިވަގުތު ތާވަލްގެ އެއްވަނައިގައި 44 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައި ވަނީ 39 ޕޮއިންޓެވެ. އާސެނަލް ވަނީ ޔޫރަޕާ ލީގުގެ ދެވަނަ ބުރަށް ވެސް ކޮލިފައިވެފައެވެ.