ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ އަށް އާ އެއްބަސްވުމެއް ހުށަހަޅަން އެ ކުލަބުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 38 އަހަރުގެ ޑިފެންޑަރު ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. ފްރާންސްގެ ޕީއެސްޖީ ދޫކޮށް، އޭނާ ޗެލްސީ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޗެލްސީން ބޭނުންވެގެން އޭނާގެ އެއްބަސްވުން 2022 ވަނަ އަހަރާ ހަމަ އަށް ވަނީ އާކޮށްފައެވެ. އޭގެ ފަހުން މިދިޔަ އަހަރު ވަނީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ.

މި ސީޒަންގެ ނިޔަލަށް އޭނާގެ އެއްބަސްވުން ހަމަވާއިރު، ޗެލްސީން އަދިވެސް ބޭނުންވަނީ އޭނާ ކުލަބުގައި ބަހައްޓަން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޚާއްސަކޮށް ޗެލްސީގެ ކޯޗުކަމާ އަލަށް ހަވާލުވި ގްރަހަމް ޕޮޓާ ވެސް ބޭނުންވަނީ ސިލްވާ ކުލަބުގައި މަޑުކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ޗެލްސީން މިހާރު އަންނަނީ އެކަމުގެ މަޝްވަރާތައް ސިލްވާއާ ކުރަމުން ކަމަށާއި، އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީ އަށް ބަދަލުވެ ސިލްވާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 105 މެޗުގައި ފަސް ލަނޑު ޖަހައިފައެވެ. އޭނާ ވަނީ ޗެލްސީއާއެކު ތިން ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގައި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ. މީގެ އިތުރުން ސިލްވާ ވަނީ ޗެލްސީއާއެކު އެފްއޭ ކަޕްގެ ފައިނަލްގައި ދެ ފަހަރު އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ކުޅެފައެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ސިލްވާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 113 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. ބްރެޒިލާއެކު ސިލްވާ ވަނީ 2013 ވަނަ އަހަރުގެ ކޮންފަޑެރޭޝަން ކަޕާއި، 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ.