އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސްއާ ދެކޮޅަށް ކުޅުނު މެޗު ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއިން ކާމިޔާބުކޮށްފިއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ 26 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދަދީ 2 ރީބައުންޑް ނަގާދީ 10 އެސިސްޓް ދިން ކައިރީ އަރވިންއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ސިކްސަރސް ކާމިޔާބުކޮށްފައިވަނީ 137 ޕޮއިންޓް 133 ޕޮއިންޓުންނެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރި މެޗް 107 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބު ކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 33 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 4 އެސިސްޓް ދީފައެވެ. އަދި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 4 އެސިސްޓް ދިން އާރޮން ގޯޑަންއެވެ.

މީގެއިތުރުން މިނެސޯޓާ ޓިމްބަރވުލްވްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބަރވުލްވްސްއެެވެ. މިމެޗްގައި ވުލްވްސްގެ އެންތަނީ އެދްވާރޑްސްވަނީ 37 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ޕެލިކަންސްގެ ސީޖޭ މެކްކޮލަމްވަނީ 25 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ.

މި މުބާރާތުގައި މާދަމާ 5:30 ގައި ޖުމުލަ ތިން މެޗު ކުޅޭނެއެވެ. އެގޮތުން ހޯނެޓްސް އާއި ބުލްސް ބައްދަލުކުރާއިރު، ސެލްޓިކްސް އާއި ނިކްސް ބައްދަލުކުރާ މެޗުގެ އިތުރުން ބްރޫކްލީން ނެޓްސް ނިކުންނާނީ ޕިސްޓަންސްއާ ދެކޮޅަށެވެ.