ރޭ މޮރޮކޯގެ ވެރިރަށް ރަބަތުގައި ކުޅެވުނު ކުލަބް ވޯލްޑްކަޕްގެ ފައިނަލް މެޗުގައި، ސައުދީ އަރަބިއްޔާގެ އަލް ހިލާލް 5-3 ގެ ނަތީޖާއަކުން ބަލިކޮށް، ޔޫރަޕުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް މުބާރާތް ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗުގައި ވިނީޝިއަސް ޖޫނިއަރ ރިއާލް އަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، ކަރީމް ބެންޒެމާ އަށް ގޯލެއް ކާމިޔާބު ކޮށްދިނުމަށް ވަނީ އެހީވެދީފައެވެ. އަދި ފެޑެރިކޯ ވެލްވާޑޭ ވެސް ވަނީ ރިއާލް އަށް ދެ ގޯލު ކާމިޔާބު ކޮށްދީފައެވެ.

ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ރިއާލް މެޑްރިޑް ނަމަވެސް، ބްރެޒިލްގެ ފްލެމެންގޯ ބަލިކޮށް ފައިނަލަށް ދަތުރު ކުރި އަލް ހިލާލްވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ލޫސިއާނޯ ވިއެޓޯ އޭޝިއާގެ ޗެމްޕިއަނުންނަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، މޫސާ މަރީގާ ވަނީ އެއް ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ރިއާލް އެންމެ ފަހުން ކުލަބް ވޯލްޑްކަޕް ކާމިޔާބު ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި އޭގެ ކުރިން 2014، 2016، އަދި 2017 ވަނަ އަހަރުވެސް ރިއާލް ވަނީ މުބާރާތް ކާމިޔާބު ކޮށްފައެވެ.

"ޓީމުވެސް ދަނީ ކުރިއަރަމުން، އަދި މިދިޔަ ސީޒަނުން ފެށިގެން ވިނީޝިއަސް ގެ ކުޅުންވެސް ދަނީ ވަރަށް ރަނގަޅުވަމުން. އަހަރެމެން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށް، މިހާރު ދުނިޔޭގެ ޗެމްޕިއަން ކަންވެސް ހޯދުނީ، އަދި މި ދަތުރުގައި ވިނީޝިއަސް އަށް ވަރަށް ރަނގަޅު ކުރިއެރުންތަކެއް އަތުވެއްޖެ." ވިނީޝިއަސް އަށް ތައުރީފު ކުރަމުން ކޯޗު ކާލޯ އެންސެލޯޓީ ބުނެފައިވެއެވެ.

ފައިނަލް މެޗުގެ ފުރަތަމަ 11 ގައި ބެންޒެމާ ފެނިގެން ދިއުމަކީވެސް ސަޕޯޓަރުންނަށް އުފާވެރިކަމާއި އެކު، ހައިރާންކަންވެސް ގެނުވި ކަމެކެވެ. މެދުގެ އެއް ދުވަސް ކުރިން ކޯޗު ބުނެފައިވަނީ ބެންޒެމާ އަށް ކުޅެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށާއި، އަދި ކުޅެވުނު ނަމަވެސް އޭނާ ފެނިގެންދިއުން އެކަށީގެންވަނީ ކުޑަ ވަގުތު ކޮޅަކަށް ކަމަށެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބެންޒެމާ، ރިއާލްގެ އެންމެ ފަހުގެ ދެ މެޗުންވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.

ރިއާލް މެޑްރިޑް މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ، ސެމީ ފައިނަލް ގައި މިސްރުގެ އަލް އަހްލީ 4-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޗެލްސީ އެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ ކޮންމެ ބައްރެއްގެ ޗެމްޕިއަނުން ނަށާއި، އިންތިޒާމް ކުރާ ގައުމުގެ ޗެމްޕިއަނުންނަށް ކަމަށްވާތީ މިފަހަރުގެ މުބާރާތުގައި ޗެލްސީ ފެނިގެން ގޮސްފައެއް ނުވެއެވެ.

ޖޫން 2025 އިން ފެށިގެން ކުލަބް ވޯލްޑް ކަޕް ކޮންމެ 4 އަހަރަކުން، 32 ޓީމު ބައިވެރިވާ ގޮތަށް ބޭއްވުމަށް، މުބާރާތުގެ ފޯމެޓް ބަދަލުކުރުމަށް ފީފާ އިން ވަނީ ނިންމާފައެވެ.