ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު ޔޫރަޕާލީގުގެ ނޮކްއައުޓް ރައުންޓުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބާސެލޯނާ ކުޅުނު މެޗު 2-2ގެ ނަތީޖާ އަކުން އެއްވަރު ވެއްޖެއެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ފޯރިގަދަ ކުޅުމެއްވަނީ ފެނިފައެވެ. ފުރަތަމަ ހާފުގައިވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ލިބިގެން ދިޔައެވެ. މެންޗެސްޓަރ ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ކޮންޓުރޯލް ކޮއްގެން ކުޅުނު ފުރަތަމަ ހާފުގައި ގޯލަށް ފޮނުވާލި ހަމަލާތަށް ވަނީ ބާސެލޯނާގެ ކީޕަރު ދިފާއު ކޮއްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ނުރައްކާ ތިން ބޯޅައެއް ވަނީ މަތަ ކޮއްފައެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ އިރު ތަކެއް ނުވަނީސް ބާސެލޯނާއަށް ލީޑު ނަގާދިނީ ރަފިންހާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މާކަސް އެލޮންސޯއެވެ. ބާސެލޯނާއިން ލީޑު ނެގިތާ ދެމިނެޓުފަހުން ފްރެޑް ދިން ބާޅައެއް ގޯލަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މާކަސް ރަޝްފާޑުއެވެ. މިއީ މިސީޒަނުގައި އޭނާ ކަމިޔާބު ކުރި 22ވަނަ ގޯލުއެވެ.

މެޗުގެ 58ވަނަ މިނެޓުގައި މާކަސް ރަޝްފާޑު ގޯލު ކުރިމަށްޗަށް ހުރަސްކޮއްދިން ބޯޅައެއް ބާސެލޯނާގެ ޖޫލްސް ކޮންޑެ ގައިގާ ޖެހި ބައިކޮޅަށް ވަތް ގޯލުން މެންޗެސްޓަރ ޔުނައިޓެޑަށް ލީޑު ލިބުނެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 76ވަނަ މިނެޓުގައި ޖޫލްސް ކޮންޑެ ދިން ބޯޅައެށް މެންޗެސްޓަރ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާގެ ބޭރުން ގޯލަށް ފޮނުވައިލައިގެން ރަފިންހާއެވެ.

މެޗުގެ ނަތީޖާ ހަމަހަމަކޮށް ނިމުނު ނަމަވެސް ދެޓީމުގެ ކޯޗުން ވަނީ މެޗުގައި ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ ނުރުހުން ފާޅުކޮށްފައެވެ. އެގޮތަށް ފާޑު ކިޔުމުގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެންހަގްއަށް ވަނީ ރީނދޫ ކާޑުވެސް ދައްކާފައެވެ

ރަނގަޅު ނަތީޖާތަކެށް ހޯދަމުން އަންނަ މިދެޓީމު ވާދަކުރާ ދެވަނަ ލެގުގެ މެޗު މެންޗެސްޓަރ ޔުނައިޓެޑުގެ ދަނޑުގައި އޮންނާނީ މިމަހު 24ވަނަ ދުވަހުއެވެ. ބާސެލޯނާ ލަލީގާގެ އެއްވަނައިގާ މިހާރު އޮތްއިރު މެންޗެސްޓަރ ޔުނައިޓެޑު އޮތީ ޕްރިމިޔަރ ލީގުގެ ތާވަލުގެ ތިންވަނައިގައެވެ.