ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

މި މެޗަށް ރެއާލުން އެކުލަވާލި ޓީމުގައި އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ހިމަނާފައި ނުވެއެވެ. މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުގައި ރެއާލް ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ. ވުމާއެކު ކޯޗް ކާލޯ އެންޗެލޯޓީ ބެންޒެމާއަށް ވަނީ ރެސްޓް ދީފައެވެ.

މި މެޗުގައި ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 78 ވަނަ މިނެޓުގައި ވިނީސިއަށް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވަލްވަޑޭއެވެ. މިއީ ލީގުގައި ވަލްވަޑޭ މި ސީޒަންގައި ޖެހި ހަތްވަނަ ލަނޑެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އަލްވާރޯ ރޮޑްރިގޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެސެންސިއޯއެވެ.

މި މޮޅާއިއެކު ރެއާލަށް ވަނީ ކުޅުނު 22 މެޗުން 51 ޕޮއިންޓް ލިބިފައެވެ. ރެއާލް ދެވަނާގައި އޮތްއިރު އެއްވަނާގައި އޮތް ބާސާއިން ވަނީ ރެއާލަށް ވުރެ އެއްމެޗު މަދުން ކުޅެ 56 ޕޮއިންޓް ހޯދާފައެވެ. މިރޭ ކާޑިޒްއާއި ދެކޮޅަށް ބާސާ ނުކުންނައިރު އެ މެޗު ކާމިޔާބު ކޮށްގެން ދެވަނާގައި އޮތް ރެއާލާއި އޮތް ފަރަގު އަށް ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުޞަތު ބާސާއަށް އެބައޮތެވެ.