ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭއޮފުން ބާސެލޯނާ ކަޓުވާލައި މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ރޭ ޖާގަ ހޯދައިފި އެވެ.

ދެ ޓީމުގެ ދެ ވަނަ ލެގު ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކާމިޔާބުކުރީ 2-1 އިންނެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އިން އެއްވަރުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން ޔުނައިޓެޑަށް ކުރި ލިބުނީ 4-3 އިންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ބާސާ އިން ނިކުތީ އެޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޕެޑްރީ އަދި ގަވީއާ ނުލަ އެވެ. މި މެޗުގައި ޕެޑްރީ އަށް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. ގަވީ ހުރީ ސަސްޕެންޝަނުގަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބާސާ އިންނެވެ. މެޗުގެ 18 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. މި ޕެނަލްޓީ ބާސާ އަށް ލިބުނީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ބާސާގެ ބަލްޑޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އެންޓޮނީ ދެވަނަ ހާފްގައި އެރުވުމާއި އެކު ޓީމްގެ ކުޅުމުން އެބަދަލު ފެނުނެވެ. މެޗުގެ 47 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ބާސާގެ ޕެނަލްޓީއޭރިއާ ކައިރީގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ފްރެޑެވެ.

ޔުނައިޓެޑުން ލީޑު ނެގީ މެޗުގެ 73 ވަނަ މިނެޓްގައި އެންޓޮނީ ކާމިޔާބުކުރި ގޯލުންނެވެ. ދެވަނަ ހާފްގައި ކުޅެން އެރި އެންޓޮނީ މި ގޯލު ކާމިޔާބު ކުރީ ބާސާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ގޯލަށް ބޯޅަ އަމާޒު ކޮށްލައިގެންނެވެ.

އިޓަލީގެ ގަދަބާރު ޔުވެންޓަސް ވަނީ އެންހެލް ޑި މަރިއާގެ ހެޓްރިކާ އެކު، ރޭ ރަށުން ބޭރުގައި ފްރާންސްގެ ނޯންޓްސް އަތުން 3-0 އިން މޮޅުވެ ދެ ލެގުގެ އެގްރިގެޓުން 4-1 އިން ކުރި ހޯދައި ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދައިފަ އެވެ. މި ދެ ޓީމު ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވީ އެވެ.