ފީފާއިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ފީފާ "ދި ބެސްޓް އެވޯޑް"ގެ ޕުސްކަސް އެވޯޑް ނުވަތަ އެންމެ ތަފާތު ގޯލުގެ ޝަރަފު މާސިން އޮލެކްސީއަށް ލިބިއްޖެއެވެ.

2009 ވަނަ އަހަރު އުފެއްދި ފީފާ ޕުސްކަސް އެވޯޑަކީ ފުޓްބޯޅައިގެ އަގުހުރި އިންޑިވިޖުއަލް އިނާމެއްގެ ގޮތުގައި ގާއިމްވެފައިވާ އެވޯޑެކެވެ. މި އެވޯޑުގައި ކުލަބު މެޗުތަކުގެ އިތުރުން ގައުމީ ޓީމުތަކުގެ ގޯލުތައްވެސް ހިމެނޭނެއެވެ.

2022 ވަނަ އަހަރުގެ ޕުސްކަސް އެވޯޑު ހޯދި މާސިން އޮލެކްސީނަކީ އެމްޕިއުޓީ ކުޅުންތެރިއެކެވެ. އެމްޕިއުޓީ ފުޓްބޯޅައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކޮންމެ ޓީމެއްގައި ހަތް ކުޅުންތެރިންނާއެކު ކުޅޭ ކުޅިވަރެކެވެ.

ނޮވެމްބަރު 6، 2022 ގައި މާސިން އޮލެކްސީ ޕޮލެންޑްގެ ވާޓާ ޕޮޒްނަންއަށް ޖަހާދިން ގޯލުން ދުނިޔޭގެ ސަމާލުކަމަށް އޭނާއަށް ލިބުނެވެ. "ބައިސިކަލް ކިކް"އަކުން ޖަހާދިން މިގޯލާއެކު ގިނަ ބަޔަކު ދިޔައީ އޭނާއަށް މި އެވޯޑު ހައްގު ކަމުގައި ބުނަމުންނެވެ.

ރޭނުމުގެ ދާއިރާގައި ކުރިން ހަރަކާތްތެރިވި އޮލެކްސީ އަކީ ކުރިން ގޯލްކީޕަރުގެ މަގާމަށް ކުޅުނު ކުޅުންތެރިއެކެވެ. އުމުރުން 23 އަހަރުގައި މަގުމަތީގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ފައިމައްޗަށް މެޝިނެއް ވެއްޓި ކަނާތު ފައިގެ ތިރީބައި ބުރިކޮއްލަން ޖެހުނު ނަމަވެސް އޭނާގެ އުންމީދު ކަނޑައެއް ނުލައެވެ.

މިހާރު އޭގެ 12 އަހަރު ފަހުން އަދި އުމުރުން 35 އަހަރުގައި އޭނާ ގައުމުގައި ފާހަގަކޮށްލަނީ ކޮންސްޓްރަކްޝަން ވިޔަފާރިއަށް ޚާއްސަވުމުގެ އިތުރުން އެމްޕިއުޓީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. 2022 ވަނަ އަހަރުގެ އެމްޕިެއުޓީ ވޯލްޑް ކަޕްގައި ޕޮލެންޑް ތަމްސީލުކުރި އޮލެކްސީ ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ފީފާ "ދި ބެސްޓް އެވޯޑް"ގެ ޕުސްކަސް އެވޯޑް ނުވަތަ އެންމެ މޮޅު ގޯލުގެ ޝަރަފާއެކު އޭނާ ވަނީ މި އެވޯޑު ހޯދި ފުރަތަމަ އެމްޕިއުޓީ ކުޅުންތެރިޔާގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަދެފައެވެ.