ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުތައް ފަށައިފިއެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ފުރަތަމަ ސްޕެއިން އިން ވަނީ 5-1 ސްވިޒަލެންޑް ބަލިކޮށްފައެވެ.

މި މެޗްގައި ސްޕެއިން އިން ދެއްކީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. އެގޮތުން ސްޕެއިން އިން މުޅި މެޗްގައި 26 ހަމަލާ ގޯލާ އަމާޒުކޮށް ފޮނުވާލި އިރު ސުވިޒްލޭންޑް އިން އުފެއްދިފައި ވަނީ މުޅި މެޗްގައި ޖުމްލަ ދެ ހަމަލާއެވެ.

ފުރަތަމަ ހާފް ކުޅުން ފެށުނުތާ މާ ގިނަ އިރެއް ނުވަނީސް ސްޕެއިން އިން ވަނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށް ދީފައިވަނީ ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުންދާ 25 އަހަރުގެ އައިޓާނާ ބޮންމަޓީއެވެ. މެޗްގެ 11 ވަނަ މިނެޓްގައި ސްޕެއިން އަށް ފަހަތުގައި ހެދުނު ގޯހަކުން ސްޕެއިން އަތުން ބައި ކޮޅަށް ވަނީ ލަނޑެއް ވަދެފައެވެ. ނަމަވެސް މާ ގިނަ އިރު ތަކެއް ނުވަނީސް ސްޕެއިން އިން ވަނީ އަނެއްކާވެސް ލީޑް ފުޅާ ކޮށްފައެވެ.

މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ސްޕެއިންގެ ކުރިއަށް ކުޅެމުންދާ އަލްބާ ރެޑޮންޑޯއެވެ. މެޗްގެ 36 ވަނަ މިނެޓުގައި އަނެއްކާވެސް ފެނިގެންދިޔައީ ބޮންމަޓީގެ ހިތްގައިމު ލަނޑެކެވެ. ފުރަތަމަ ހާފްގެ އެންމެ ފަހު ލަނޑު ފެނިގެން ދިޔައީ މެޗްގެ 45 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ލައިއާ ކޮޑީނާއެވެ. ފުރަތަމަ ހާފް ނިމިގެން ދިއައީ 4-1 ސްކޯ އަކުން ސްޕެއިން ކުރީގަ އޮވެގެނެވެ.

ދެވަނަ ހާފްގައިވެސް ފެނިގެން ދިޔައީ ސްޕެއިންގެ ތަފާތު ކުޅުމެކެވެ. ނަމަވެސް ސުވިޒްލޭޑް ދެވަނަ ހާފްއަށް ނިކުތީ އާ ހިތްވަރަކާ އެކީ މެޗް ކާމިޔާބު ކުރުމުގެ ގޮތުގައި ކަން އެމީހުންގެ ކުޅުމުން ފެނެއެވެ.

މެޗްގެ 70 ވަނަ މިނެޓުގައި ސްޕެއިން އިން އުފެއްދި ރަނގަޅު ހަމަލާއަކާ އެކު ސްޕެއިން އަށް މެޗްގެ ފަސްވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ޖެނިފާ ހާމޯސާއެވެ.