32 ގައުމާއި އެކު މިއަދު ފެށު ފީފާ ވޮމެންސް ވޯލްޑް ކަޕުގެ ފުރަތަމަ މެޗު މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ ނިއުޒިލެންޑުން ކާމިޔާބުކޮށްފިއެވެ.

ނިއުޒިލެންޑުގެ އެޑެން ޕާކް ސްޓޭޑިއަމްގައި ނޯވޭއާއި ދެކޮޅަށް ކުޅުނު މި މެޗު ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ނިއުޒިލެންޑުން ކާމިޔާބު ކުރި ފުރަތަމަ މެޗުއެވެ.

1991 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ވުމެންސް ވޯލްޑް ކަޕަކީ ފިރިހެން ވޯލްޑް ކަޕެކޭ އެއް ގޮތަށް ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް ހުޅުވާ މެޗުން ފުރަތަމަ ފަހަރަށް ނޯވޭ ބަލިވި އިރު، އެޓީމުންވެސް ވަނީ މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

2015 ވަނަ އަހަރު ކެނެޑާ ކައިރިން 0-0ގެ ނަތީޖާ އަކުން އެއްވަރުވި މެޗަށް ފަހު ނިއުޒިލެންޑް މެޗެށް ކާމިޔާބު ކުރި މިއީ ފުރަތަމަ ފަހަރުއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި އެޓީމުން ގޯލަށް އަމާޒުކޮށް ދެ ހަމަލާ ފޮނުވާލި އިރު، ނޯވޭ އިންވެސް ވަނީ ދެ ހަމަލާ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

މިއަދުގެ މެޗުގައި ނިއުޒިލެންޑުން ޖެހި ހަމައެކަނި ގޯލު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަންނާ ވިލްކިންސަންއެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ނިއުޒިލެންޑަށް ވަނީ ޕެނަލްޓީއެއްވެސް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ރިއާ ޕާސިވަލް ފޮނުވާލިި މި ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެށް ނުވިއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ މިއަހަރުގެ މުބާރާތް ބާއްވާ ދެވަނަ ގައުމު އޮސްޓްރޭލިއާއެވެ. އެގައުމުގައި ކުޅެވޭ މި މެޗުގައި އޮސްޓްރޭލިއާއިން ނިކުންނާނީ އަޔަލެންޑާއި ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން 15:00ގައެވެ.