ދެކުނު ކޮރެއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗަކަށް ޖަރުމަނާއި އެމެރިކާއަށް ކުރިން ކޯޗުކޮށްދީފައިވާ ޔާގަން ކްލިންސްމަން ހަމަޖައްސައިފިއެވެ.

އުމުރުން 58 އަހަރުގެ ކްލިންސްމަން ވަނީ ކޮރެއާގެ ކޯޗް ކަމުގައި ތިން އަހަރާއި ހަމަސް ދުވަހު ހުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ދެކުނު ކޮރެއާގެ ކޯޗް ކަމުގެ މަގާމްގައި 2026 ވަނަ އަހަރުގެ ނިޔަލަށް ދެމިހުންނާނެއެވެ.

އޭނާގެ ކޯޗްކަމުގެ ދަށުން ކޮރެއާ ކުޅޭ ފުރަތަަމަ މެޗަކަށް ވެގެންދާނީ އަންނަ މަހުގެ 24 ވަނަ ދުވަހު ކޮލަމްބިއާ އާއި ދެކޮޅަށް ކުޅޭ ރަހްމަތްތެރިކަމުގެ މެޗެވެ. ޖަރުމަނުވިލާތަށް 108 މެޗް ކުޅެދީ 47 ލަނޑު ޖަހާދީފައިވާ ކްލިންސްމަން ދެކުނު ކޮރެއާގެ ކޯޗްކަމުގެ މަގާމާއި މިހަވާލުވީ އެ މަގާމްގައި ކުރިން ހުރި ޕޯޗުގަލްގެ ޕައުލޯ ބެންޓީ ވޯލްޑް ކަޕަށް ފަހު އެ މަގާމުން ވަކިވުމާ ގުޅިގެންނެވެ.

މަގާމާއި ހަވާލުވުމަށްފަހު ވާހަކަދައްކަމުން ކްލިންސްމަން ބުނި ގޮތުގައި ދެކުނު ކޮރެއާގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބިގެންދިޔަ ޝަރަފެއް ކަމުގައެވެ. އަދި މި ޓީމަށް މީގެކުރިން ފާހަގަކޮށްލެވޭ މޮޅެތި ކޯޗުންތަކެއް ކޯޗް ކޮށްދީފައިވާކަން އޭނާ ފާހަގަކުރިއެވެ.

ކޮރެއާ ޓީމް އަންނަނީ ރަނގަޅު ކުޅުމެއް ގިނަ އަހަރުތަކެއް ވަންދެން ދައްކަމުން ކަމަށާއި އަދި މިކަން ދަމަހައްޓާ، ކުރިއަށް އޮތް އޭޝިއަން ކަޕާއި ދެން އަންނަ ވޯލްޑް ކަޕެއްގައި ކޮރެއާއަށް ރަނގަޅު ނަތީޖާއެއް ނެރެދިނުމަށް އޭނާއަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.