އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް 4-0 އިން އެވަޓަން ބަލިކޮށް، އެއް ވަަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އާސެނަލް އަށް ލިބުނު މޮޅާއެކު އެ ޓީމު މިވަގުތު އޮތީ ކުޅުނު 25 މެޗުން ލިބުނު 60 ޕޮއިންޓާއެކުގައި ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ކުޅުނު 25 މެޗުން ލިބުނު 55 ޕޮއިންޓާއެކުގައެވެ. ތިން ވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 49 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑެވެ. އަދި ހަތަރު ވަނައިގައި 25 މެޗުން ލިބުނު 45 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ.

މި ނަތީޖާއާ އެކުގައި އެވަޓަން އަދިވެސް އޮތީ ރެލިގޭޝަން ޒޯންގައެވެ. އެ ޓީމު ކުޅުނު 25 މެޗުން ލިބުނު 21 ޕޮއިންޓާއެކު އޮތީ ތާވަލްގެ 17 ވަނައިގައެވެ.

އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗު ފަށައިގެން 40 މިނެޓާ ހަމައަށް ދިޔަ އިރު ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އާސެނަލް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް އެކަމަށް ހުރަސް އެޅީ އެވަޓަންގެ މިޑްފީލްޑަރުންނެވެ. އެގޮތުން އެވަޓަން އިން މަސައްކަތް ކުރީ ކައުންޓާ އެޓޭކްގައި އާސެނަލްގެ ގޯލަށް ނުރައްކާ ކުރެވޭތޯއެވެ.

މެޗުގެ އެހާ ހަމައަށް ދިޔައިރު ވެސް އާސެނަލް އަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލް އަށް ލީޑް ނަގައި ދިނީ ބުކާޔޯ ސަކާއެވެ. މިއީ އޮލެކްސެންޑާ ޒިންޗެންކޯ ދިން ބޯޅައަކުން ސަކާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެފައި ޖެހި ހިތްގައިމު ގޯލެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަކާ ދިން ބޯޅައެއްގައި ގެބްރިއަލް މާޓިނެލީ ވަނީ ލަނޑު ޖަހައި އާސެނަލްގެ ލީޑް ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، މާޓިނެލީ ގޯލް ޖެހީ ތިރިތިރިން ބޯޅަ ފޮނުވާލައިގެންނެވެ.

ކުރީ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް އާސެނަލް ވަނީ ދެ ގޯލް ޖަހައިފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި އާސެނަލްގެ ތިން ވަނަ ގޯލް ޖެހީ ލެއަންޑްރޯ ޓްރޮސާޑް ނެގި ހުރަހަކުން ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑްއެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އެޑީ އެންކެޓިއޭ ނެގި ހުރަހަކުން މާޓިނެލީ ވަނީ އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައިފައެވެ.

ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ވަނީ 2-0 އިން ވުލްވްސް ބަލިކޮށް ގަދަ ހަތަރަކަށް އެރުމުގެ އުންމީދު އާކޮށްފައެވެ. ލިވަޕޫލް މޮޅުކޮށްދިން ލަނޑުތައް ޖެހީ ވާޖިލް ވެން ޑައިކް އާއި މުހައްމަދު ސަލާހެވެ.

މި ނަތީޖާއާއެކު ލިވަޕޫލަށް ކުޅުނު 24 މެޗުން ލިބުނު 39 ޕޮއިންޓާއެކު އޮތީ ތާވަލްގެ ހަ ވަނައިގައެވެ. ވުލްވްސް އޮތީ ކުޅުނު 25 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.