ދެއަހަރުގެ މެދުކެނޑުމަކަށްފަހު، "ވަގުތު" ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ދެ އަހަރުގެ މެދުކެނޑުމަކަށް އައިސްފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުން ފެށިގެން މޭއި މަހުގެ 13 ވަނަ ދުވަހަށެވެ.

"ވަގުތު" އިން ބުނި ގޮތުގައި މިއަހަރު ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ 24 ޓީމަކަށެވެ. އަދި އިސްކަން ދެވޭނީ ކުރިން ފޯމު ނަގާ ޓީމުތަކަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން މާޗް މަހުގެ 15 ގެ ކުރިން ފޯމު ނަގަން ޖެހޭނެ ކަމަށެވެ. އަދި އެ މަހުގެ 31 ގެ ކުރިން ފޯމުތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ޓީމަކުން 5،000 ރުފިޔާ ދައްކައިގެންނެވެ.

ފޯމު ހޯދުމަށާއި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 7577953 ނަންބަރުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އިރު، ކުރިއަށް އޮތް މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ" އެވެ. މޭޖާ ސްޕޮންސަރަކީ "ވީބީ" އެވެ. ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ސްޕޯޓްސް ޕާޓްނަރަކީ "މަޅި އެމްވީ" އެވެ. އަދި ކޯ ސްޕޮންސަރަކަށް "ބެސްޓް ބައި މޮބައިލް" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"އެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ދިން އަދަދުތަކެވެ. އެގޮތުން މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އެފްސީ އުސްގަނޑައެވެ. އެޓީމުން ޖެހިޖެހިގެން ދެ މުބާރާތް ކާމިޔާބުކޮށްފައިވާއިރު، މި މުބާރާތަށް އެ ޓީމު ނުކުންނާނީ ތަށި މިލްކު ކުރަންކަން ފާހަގަ ކޮށްލެވެއެވެ.