އެއް އަހަރުގެ މެދުކެނޑުމަކަށްފަހު، "ވަގުތު" ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް އެއް އަހަރުގެ މެދުކެނޑުމަކަށް އައިސްފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް 2022 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވާއިރު، ހަމަ އެ އަހަރުގެ އޭޕްރިލް 21 އިން މޭއި 7 ވަނަ ދުވަހަށް 2023 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ދެ މުބާރާތް ވެސް އެއް އަހަރެއްގައި ބޭއްވުމަށް "ވަގުތު" އިން ނިންމާފައިވާއިރު، މިއީ މުބާރާތުގައި ކުޅޭ ޓީމުތަކަށް ވެސް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ބެލެވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ގިނަވެގެން ފުރުސަތު ދޭނީ 24 ޓީމަށެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކަށް އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފޯމު ދޫކުރަން ފަށާނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ޓީމަކުން 5،000 ރުފިޔާ ދައްކައިގެންނެވެ.

ފޯމު ހޯދުމަށާއި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 7577953 ނަންބަރުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

އޮފިޝަލް ވިދާޅުވީ، އެހެން މުބާރާތްތަކޭ އެއްގޮތަށް މި މުބާރާތުގައި ވެސް އަތޮޅުން ބޭރު ތިން ކުޅުންތެރިންނަށް ޓީމަކަށް ކުޅެވޭނެ ކަމަށެވެ. އަދި އޮޅުވާލައިގެން ކުޅުންތެރިން އިތުރު ކުރާނަމަ، އެކަން ކުރާ ޓީމަކާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އިރު، ކުރިއަށް އޮތް މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ" އެވެ. މޭޖާ ސްޕޮންސަރަކީ "ވީބީ" އެވެ. ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ސްޕޯޓްސް ޕާޓްނަރަކީ "މަޅި އެމްވީ" އެވެ. އަދި ކޯ ސްޕޮންސަރަކަށް "ބެސްޓް ބައި މޮބައިލް" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"އެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ދިން އަދަދުތަކެވެ. އެގޮތުން މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.