"ވަގުތު" އިން ހުކުރު ވިލޭރޭ އިއުލާން ކުރި ވަގުތު ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވާ ޓީމްތައް އައްޑޫ ސިޓީއަށް އައިސް ތިބޭނެ ގެ ނުވަތަ ފްލެޓްތައް ހޯދަން އިއުލާން ކޮށްފިއެވެ.

"ވަގުތު" އިން މިއަދު ބުނީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގައި އެހެން އަތޮޅުތަކުގެ ޓީމްތަކަށް ވެސް ފަސޭހައިން ބައިވެރިވެވޭނެ ގޮތެއް ހޯދުމަށް އައްޑޫގައި ޓީމްތަކުގެ އެކޮމަޑޭޝަން "ވަގުތު" އިން އެކި ފަރާތްތަކާއި ގުޅިގެން ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"އެހެން އަތޮޅުތަކުގެ ޓީމްތައް އައްޑޫގައި ތިބުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފްލެޓް ނުވަތަ ގެ ހޯދަމުން މިދަނީ. މަދުވެގެން ފަސް ގެ ނުވަތަ ފަސް ފްލެޓް ބޭނުންވޭ. ކޮންމެ އެޕާޓްމަންޓެއްގައި މަދުވެގެން ތިން ކޮޓަރި ހުންނަން ޖެހޭނެ. އެޕާޓްމަންޓްތަކުގައި ކައްކައި ކެވޭ ގޮތައް ހުންނަން ޖެހޭނީ." ވަގުތުގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ވަގުތު" އިން އަންނަ އަހަރު ފުޓްސަލް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގެ ނުވަތަ ފްލެޓް "ވަގުތު" އަށް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 7999681 އަށް ގުޅުމަށް "ވަގުތު" އިން އެދެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނައަހަރު ވެސް -/150000 ރުފިޔާ ލިބޭނެއެވެ. އޭގެއިތުރުން ރަނައަޕް ޓީމަށް -/70000 ރުފިޔާ އަދި ތިންވަނަ ޓީމަށް -/30000 ރުފިޔާ ލިބޭނެއެވެ.

އަންނަ އަހަރުގެ މުބާރާތައް ސްޕޮންސަރުންނާއިއެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް މިހާރު "ވަގުތު" އިން ވަނީ ފަށާފައެވެ. "ވަގުތު" އިން މައުލޫމާތުދޭ ގޮތުގައި ވަރަށް އަވަހަށް ސްޕޮންސަރުންނާއިއެކު ސޮއިކޮށް، މުބާރާތައް ތައްޔާރުވުމުގެ އިތުރު ކަންކަން ފުރިހަމަ ކުރަން ފެށޭނެއެވެ.