ނެސޯ ހޯމް "ވަގުތު" ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން އެފްސީ އުސްގަނޑައާއި މިދިޔަ އަހަރުގެ ދެވަނަ ޓީމު މައިލޯ ސިޓީ ބައްދަލުކުރި މެޗު އުސްގަނޑައިން ކާމިޔާބުކޮށްފިއެވެ.

ސ. ހިތަދޫ މަނިކު ދަނޑުގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު އެފްސީ އުސްގަނޑައިން ކާމިޔާބުކުރީ 2-3ގެ ނަތީޖާއަކުންނެވެ. މިއީ އެފްސީ އުސްގަނޑައިން މި މުބާރާތް ޖައްސަ ޖައްސައިން ކާމިޔާބުކުރި ތިން ވަނަ ފަހަރުއެވެ.

މި މުބާރާތް ދެ އަހަރު ކާމިޔާބުކޮށްފައިވާ އުސްގަނޑައިން މެޗު ފަށައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުން ދިޔައިރު، މައިލޯ ސިޓީގެ އަލީ ހާފިޒް (ހާއްޕެ)އާއި ހުސައިން ޝަރީފް (އޮންލީ)ގެ ފަރާތުން ރަނގަޅު ބުލޮކުތަކެއް ފެނިގެން ދިޔައެވެ. ރައްދުގައި މައިލޯ ސިޓީއިންވެސް ގެންދިޔައީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންނެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ފައިނަލް: އެފްސީ އުސްގަޑަ އަދި މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ވަގުތު ފުޓްސަލް ޗެލެންޖުގެ ދެ ކިންގުންނާއެކު ނިކުމެއޮތް މައިލޯ ސިޓީއިން ވަނީ ފުރަތަމަ ހާފުގެ ވަރަށް ކުރީ ކޮޅު ގޯލު ޖަހާ ލީޑު ނަގާފައެވެ. ހުސައިން ޝަރީފް އޮންލީގެ ރީތި ޕާހަކުން މި ލަނޑު މައިލޯ ސިޓީއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީހު (ވައްޖެ)އެވެ. މި ގޯލާއި އެކު އުސްގަނޑައިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް ގޯލަށް ނުރައްކާކޮށްފައެވެ.

އެފްސީ އުސްގަނޑައިން މުޅި ޓީމު ކުރިޔަށް ޖެހި ހަމަލާތަށް އުފަށް ދަމުން ދިޔުމުގެ ތެރޭގައި ހެދެނު ގޯހެއްގެ ބޭނުން ހިފާ އިސްމާއިލް ވަޖީހު ވަނީ ދެވަނަ ލަނޑު މައިލޯއަށް ކާމިޔާބުކޮށްދީފައެވެ. މެދު ރޮނގެއްހާ ހިސާބުން އަޔާ އަތުން ގެއްލުނު ބޯޅަ އާއި އެކު ކުރިޔަށް ގޮސް ވައްޖެ ފުރަތަމަ ފޮނުވާލި ހަމަލާ އިސްމާއިލް ފާތިހު ދިފާއު ކުރި ނަމަވެސް ދެވަނަ ފަހަރަށް ބޮލުން ފޮނުވާލައިގެން ވައްޖެ ވަނީ މައިލޯ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ފައިނަލް: އެފްސީ އުސްގަޑަ އަދި މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މައިލޯ ސިޓީއިން ދެގޯލު ޖަހާ ލީޑު ނެގުމާއި އެކު އުސްގަނޑަ ޓީމު އެއްކޮށް ކުރިޔަށް ޖައްސާ ދިޔައީ ގޯލަށް ނުރައްކާ ކުރަމުންނެވެ. އުސްގަނޑައިން ފޮނުވާލި ގިނަ ހަމަލާތަށް ކިޕަރ އިބްރާހިމް ނާޖިހް ދިފާއު ކުރި ނަމަވެސް އުސްގަނޑައިން ވަނީ ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. މައިލޯ ސިޓީ ގޯލު އޭރިޔާގެ ކަނެއްގައި ހުރެ ފޮނުވާލި ރީތި ހަމަލާ ކާމިޔާބުކޮށްދީ އަލީ ލިރުއާމް (ލިރޫ) ވަނީ އެފްސީ އުސްގަނޑައަށް އުންމީދު އާކޮށްދީފައެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ފައިނަލް: އެފްސީ އުސްގަޑަ އަދި މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު 1-2ގެ ނަތީޖާއަކުން ކުރީގައި އޮތީ މައިލޯ ސިޓީ އެފްސީއެވެ. ދެވަނަ ހާފު ފަށައިގެން އެފްސީ އުސްގަނޑައިން ކުޅުންފަށާ ގޯލަށް ނުރައްކާ ކުރުމުގެ ތެރޭގަައި މައިލޯ ސިޓީގެ ކުޅުންތެރިން ކުރި ފައުލަކާއި ގުޅިގެން އުސްގަނޑައަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. މައިލޯ ސިޓީގެ ގޯލު އޭރިޔާގެ ކައިރިން ލިބުނު މި ހިލޭ ޖެހުން ސީދާ ގޯލަށް ފޮނުވާލައިގެން އަލީ ލިރުއާމް (ލިރޫ) ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ފައިނަލް: އެފްސީ އުސްގަޑަ އަދި މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ދެވަނަ ހާފުގެ ވަރަށް ކުރީ ކޮޅު އުސްގަނޑައިން މެޗުގެ ނަތީޖާ ހަމަހަމަކޮށް އުސްގަނޑައިން ގެންދިޔައީ ބޯޅަ ކޮންޓްރޯލްކޮށް ޕާސިން ގޭމެއް ކުޅެމުންނެވެ. އެހެން ނަމަވެސް މައިލޯ ސިޓީއިންވެސް ލިބޭ ބޯޅަ ތަކުގެ ފައިދާ ނަގާ، އުސްގަނޑަގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ. ފައިނަލެއްގައި ފެނިގެން ދާނެ ފޯރި މި މެޗުން ފެނިގެން ދިޔައިރު، ދެޓީމުގެ ފަރާތުންވެސް ގިނަ ފައުލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ގޮސް އެންމެ ފަހުގެ ޗެމްޕިއަން އެފްސީ އުސްގަނޑައިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މައިލޯ ސިޓީގެ އަލީ ހާފިޒް (ހާއްޕެ) ކައިރިން ނައްޓަލުމަށް ފަހު ގޯޅު ކުރިމަށްޖަށް ހުރަސްކޮށްދިން ބޯޅަ ވަރަށް ހަމަޖެހިލައިގެން ގޯލު ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށް ދިނީ އެފްސީ އުސްގަނޑަގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ މުހައްމަދު އައްޒާމުއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ފައިނަލް: އެފްސީ އުސްގަޑަ އަދި މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ދެވަނަ ހާފު ނިމުމަކާއި ކައިރިވި އިރު، ދެޓީމުގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެން ދިޔައެވެ. މައިލޯ ސިޓީއިން ގޯލުގެ ނަތީޖާ ހަމަހަމަ ކުރުމަށް ހުއްޓުމެއް ނެތި ދިޔައީ އުސްގަނޑަގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

މި ފޯރިގަދަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްސީ އުސްގަނޑަގެ ޖާޒީ ނަމްބަރ 9 އަލީ ލިރުއާމްއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށް އެފްސީ އުސްގަނޑައިން ވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ. 2020 ވަނަ އަހަރުގެ ފައިނަލުގައިވެސް ކުޅެފައިވަނީ މައިލޯ ސިޓީއާއި ދެކޮޅަށެވެ.