ރާއްޖޭގެ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ވަގުތު ފުޓްސަލް ޗެލެންޖްގެ އަންނަ އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް ވެސް ނެސޯ ހޯމް ހަމަޖައްސައިފިއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖްގެ ނަމުގައި އަންނަ އަހަރު ވެސް މުބާރާތް އޮންނާނީ އައްޑޫ ސިޓީ ހިތަދޫގައެވެ. މުބާރާތް ބޭއްވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ނެސޯ ހޯމް ހަމަޖައްސައި މިއަދު އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ. ވަގުތުގެ ފަރާތުން ސޮއި ކުރެއްވީ ޒަހީން އަބްދުﷲ އެވެ. ނެސޯ ހޯމްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖަރ އިޖުލާލް ރަޝީދު އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު ވެސް 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ ދޭނެއެވެ. ރަނަރަޕް ޓީމަށް 75،000 (ހަތްދިހަ ފަސްހާސް) ރުފިޔާ ދޭއިރު، ތިން ވަނައަށްދާ ޓީމަކަށް 30،000 (ދިރީސް ހާސް) ރުފިޔާ ދޭނެއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ޗެމްޕިއަން: އެފްސީ އުސްގަޑަ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތު" އިން ބުނީ އަންނަ އަހަރު ބާއްވާ މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތް ސްޕޮންސާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް 7999681 އަށް ގުޅުއްވައި އެކަން ހަމަ ޖެއްސޭނެއެވެ.

"ސްޕޮންސަރުންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުން. އަންނަ އަހަރުގެ މުބާރާތް އިއުލާން ކުރުމާއިއެކު ވަރަށް ގިނަ ސްޕޮންސަރުން އަންނަނީ މުބާރާތް ސްޕޮންސަރ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް އަޅުގަނޑުމެންނާއި ގުޅަމުން. އެފަރާތްތަކާއިއެކު އެއްބަސްވުމަކަށް އާދެވި ވަރަށް އަވަހަށް ސޮއި ކުރެވިގެން ދާނެ. އަދި އިތުރު ސްޕޮންސަރުންނަށް ވެސް ފުރުސަތު އެބައޮތް މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާން." ވަގުތުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިމަހު އައްޑޫ ސިޓީގައި ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ ޗެމްޕިއަން ޓީމަކީ އެފްސީ އުސްގަނޑަ އެވެ. މިއީ އެ ޓީމު މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިންވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗަކޮއި

    ތިޔަހާވަރަށް ތި ނެސޯއެއް ތިއިސްތިހާރު ތިކިރަނީ. ތިޔަމީހުންގެ ޕްރޮފައިލް ނުވަތަ ތިޔަ ބަޔަކާއި ބެހޭ އާޓިކަލް އެއް ގެނެސްދީބަލަ. އޭރުން އެއްނުނަ އަހުންނަށްވެސް އެނގޭނީ ތިޔައީ ކޮން ބިޒްނަސް އެއްކުރާ ކޫދަކާތަކެއްކަން.