ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، "ވަގުތު" ފުޓްސަލް ޗެލެންޖްގެ އެންމެ ފަހު ކުރިމަތިލުމުގައި މިރޭ ނުކުންނާނީ ހިތަދޫ ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމުގައިވާ އެފްސީ އުސްގަނޑަ އާއި މައިލޯ ސިޓީ އެފްސީ އެވެ.

މުބާރާތުގައި ކުޅުނު އެއް މެޗުން އެއްވަރުވިނަމަވެސް، މިހާތަނަށް މެޗަކުން ބަލިނުވެ އެންމެ ފަހުގެ ޗެމްޕިއަން އުސްގަނޑަ ފައިނަލް މެޗަށް ނިކުންނާނީ ތަށި މިލްކު ކުރުމުގެ އަޒުމުގައެވެ. މި ދެ ޓީމަކީ އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ވާދަކުރި ދެ ޓީމެވެ. އެއަހަރު 1-0 ގެ ނަތީޖާއިން މައިލޯ ސިޓީ ބަލިކޮށް އެފްސީ އުސްގަނޑަ އިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

އެފްސީ އުސްގަނޑައިން ސެމީ ފައިނަލަށް ކުރި ދަތުރު

އެފްސީ އުސްގަނޑަ މުބާރާތުގައި ހިމެނުނީ ގުރޫޕް އޭގައެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗު ފިޔަވައި ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ. މުބާރާތުގައި 12 ޓީމަކުން ވާދަކުރި އިރު، މި ޓީމުތަށް ވަނީ ދެ ގުރޫޕަކަށް ބަހާފައެވެ. އުސްގަނޑަ ގުރޫޕް އޭގައި ހިމެނިފައި އޮތްއިރު، މި ގުރޫޕްގައި ދެން ހިމެނިފައި އޮތީ ޔުނައިޓެޑް މައިލޯ، އެފްސީ މޫލެކެޑެ، ޓޮޕް ބްރަދާސް އަދި ޑީސީ ސްޕޯޓްސް ކުލަބެވެ.

ފުރަތަމަ މެޗު: އެފްސީ އުސްގަނޑަ 1 - 0 އެފްްސީ މޫލެކެޑެ

ދެވަނަ މެޗު: އެފްސީ އުސްގަނޑަ 2 - 0 ހޯދަޑު ސްޕޯޓްސް ކުލަބު

ތިންވަނަ މެޗު: އެފްސީ އުސްގަނޑަ 3 - 0 ޓޮޕް ބްރަދާސް

ހަތަރުވަނަ މެޗު: އެފްސީ އުސްގަނޑަ 1 - 1 ޔުނައިޓެޑް މައިލޯ

ފަސް ވަނަ މެޗު: އެފްސީ އުސްގަނޑަ 7 - 2 ޑީސީ ސްޕޯޓްސް ކުލަބު

ސެމީ ފައިނަލް: އެފްސީ އުސްގަނޑަ 2 - 0 ފްރެންޑްސް ކުލަބު

ޑިފެންސްގައި ވަރުގަދަ ފާރެއް

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: އެފްސީ އުސްގަނޑަ އަދި ހޯދަޑު ސްޕޯޓްސް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

އެފްސީ އުސްގަނޑަގެ ޑިފެންސަށް ބަލާއިރު، ރާއްޖޭގެ ފުޓްސަލްގައި އެންމެ ކާމިޔާބު އެއް ޑިފެންޑަރު މުހައްމަދު އައްޒާމް ހުރިއިރު، ގާފަރުގެ ފުޓްސަލް ތަރި ސާމިން މުހައްމަދު ނަސީރު ވެސް އެބަހުއްޓެވެ. އައްޒާމް އަކީ ތަޖުރިބާ ހުރި ކުޅުންތެރިއެއް ކަމަށްވާއިރު، އޭނާ ކައިރިން ނައްޓާފައި ދިއުމަކީ އެއްވެސް ކުޅުންތެރިއަކަށް ފަސޭހަވާނެ ކަމެއް ނޫނެވެ. ޑިފެންސްގައި އައްޒާމް ބޭނުންކުރާ އުކުޅުތަކަކީ ފުޓްސަލްގައި ބޭނުންކުރެވޭނެ އެންމެ ޕްރޮފެޝަނަލް އުކުޅުތަކެވެ. ހަމައެގޮތަށް ސާމިން އަކީ ވެސް ޑިފެންސަށް ކުޅޭ ކުޅުންތެރިއެއް ނަމަވެސް، ލިބޭ ބޯޅަތަކުގައި ހަލުވި ކަމާއެކު ކައުންޓާ އެޓޭކް ކުރަން މަސައްކަތް ކުރާ ކުޅުންތެރިއެކެވެ. ސާމިންގެ ތަފާތު ޑިފެންސްގައި ފެނިގެން ދާނެކަން މީގެ ކުރިންވެސް ވަނީ ފެނިގެން ގޮސްފައެވެ. ހާއްސަކޮށް އޭނާގެ ލީޑާޝިޕަކީ ތަފާތު ލީޑާޝިޕެއްކަން މީގެ ކުރިން ރާއްޖޭގެ އެކިއެކި މުބާރާތްތަކުގައި ފެނިގެން ގޮސްފައިވެއެވެ. ކ. ގާފަރުގެ ޓީމް ލީޑު ކުރާ، އެ ރަށުގެ ކެޕްޓަނަކީވެސް ސާމިނެވެ. އޭނާ ވަނީ ގާފަރާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލާ ހަމައަށްވެސް ދަތުރު ކޮށްފައެވެ. އެތަށި ނުލިބި އޮތް ނަމަވެސް، ސާމިނުގެ ކާމިޔާބީއާ ދޭތެރޭ ސުވާލެއް އުފެއްދޭކަމަށް ނެތެވެ. ޑިފެންސިވް ވަރުގަދަ ކުޅުންތެރިންގެ ފަހަތުން ހުރީ ތަފާތު މޮޅު ކީޕަރެކެވެ. ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އަކީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ކާމިޔާބު އަދި ހުށިޔާރު ކީޕަރެވެ. އުސްގަނޑަ ޓީމު ކޮޅަށް މި މުބާރާތުގައި މިހާތަނަށް އެންމެ ތިން ގޯލު ވަދެފައި ވުމަކީ ވެސް މީގެ ހެއްކެކެވެ. އުސްގަނޑުގެ ޑިފެންސަކީ މުޅި މުބާރާތުގައިވެސް އެންމެ ތަފާތު ޑިފެންސެވެ.

ފޯވަޑްގެ ނުރައްކާ، އިއްބެ މުހިއްމު!

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 : އެފސީ އުސްގަޑަ އަދި ފްރެންޑްސް ކްލަބް ބައްދަލް ކުރި މެޗް:ވަގުތު އިމޭޖެސް:އަބްދުالله އަބީދް

އިބްރާހިމް މަހުދީ(ފޭދޫ އިއްބެ) އަކީ އުސްގަނޑަ ފައިނަލާ ހަމައަށް ގެންގޮސް ދިނުމުގައި އެންމެ މުހިއްމު ރޯލެެއް އަދާކުރި ކުޅުންތެރިޔާއެވެ. އުސްގަނޑަގެ އެޓޭކިން އެންމެ ބޮޑު ތްރެޓަކީ ފޭދޫ އިއްބެއެވެ. އިއްބެގެ ގޯލް ޖެހުމުގެ ހުނަރަކީ ސުވާލެއް އުފެދޭނެ ކަމެއް ނޫނެވެ. އޭނާ ވަނީ ދެ މެޗުގެ މޭން އޮފް ދަ މެޗްކަން ވެސް ނަގައިފައެވެ. މިހާރު އީގަލްސްއަށް ކުޅެމުން އަންނަ އިއްބެ އަކީ ބޯޅަ ހޯލްޑް ކޮށްގެން ކުޅުމުގައި ދެވަނައެއް ނެތް ކުޅުންތެރިއެއް ކަމަށްވާއިރު، އޭނާ އުފައްދާ ހަމަލާތަކަކީ ވެސް ބާރު ސްޕީޑުގައި ފޮނުވާލާ ހަމަލާތަކެކެވެ. ހަމައެހެންމެ އުސްގަނޑަގެ އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ޔޫސުފް ސިދާމް އަލީގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އުސްގަނޑަ ޓީމުގެ ކެޕްޓަން މުހައްމަދު ލިރުއާމް(ލިރޫ) އަކީ ޓީމުގައި ލީޑަޝިޕް ދަމަހައްޓަމުން އަންނަ ކެޕްޓަނެވެ. ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން ރަނގަޅު ޑިސިޕްލިންއަކާއެކު މުޅި ޓީމު ގޮވައިން އޭނާ ވަނީ ލީޑާޝިޕް ދައްކައިފައެވެ. ލިރޫގެ ކެޕްޓަން ކަމުގައި އުސްގަނޑައިން ވަނީ 2019 ވަނަ އަހަރުގެ ވަގުތު ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށްފައެވެ.

އެންމެފަހުގެ ވަގުތު ފުޓްސަލް ކިންގް އުސްގަނޑަ ޓީމުގައި

ވަގުތު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޔާ ޗެމްޕިއަން ޓްރޮފީ ހިފައިގެން-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވަގުތު ފުޓްސަލް ޗެލެންޖް 2020 ވަނަ އަހަރުގެ ކިންގް އޮފް ދަ ޓޯނަމެންޓް ހޯދި އަޔާޒް އަހުމަދު (އަޔާ) އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. އޭނާ އަކީ އެންމެ ހީނުކުރާ ވަގުތުތަކުގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިއެވެ. މި މުބާރާތުގައި ވެސް އަޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، ފައިނަލް މެޗުގައި ވެސް އަޔާގެ ޖާދޫ ފެންނާނެ ކަމަށް ބެލެވެއެވެ. މި މުބާރާތުގައި އަޔާ ވަނީ އެއް މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ވެސް ހޯދާފައެވެ. އިންޑިވިޖުއަލް ހުނަރުން ފުރިގެންވާ "ޑްރިބްލް" ކުރުމުގައި ދެވަނަ އެއް ނެތް އަޔާ އަކީ މިމުބާރާތުގައި އެފްސީ އުސްގަނޑަގެ ހައިބަތު އެންމެ ބޮޑަށް ދައްކާދޭ އެއް ކުޅުންތެރިޔާ އެވެ. އަޔާ ވަނީ ސެމީ ފައިނަލުގައި ފްރެންޑްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ގޯލު ޖަހާ އުސްގަނޑައަށް ލީޑު ފުޅާކޮށްދީފައެވެ.

އުސްގަނޑައަށް ތަށި މިލްކު ކުރެވިދާނެތަ؟

މީގެ ދެ އަހަރު ކުރިން 2020 ގައި ބޭއްވި "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމު އުސްގަނޑަ އެފްސީ އަށް ތަށި ހަވާލު ކުރަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މުބާރާތުގައި އެންމެ ކާމިޔާބު އެއް ޓީމުގެ ގޮތުގައި ފާހަގަކޮށްލެވޭ އެފްސީ އުސްގަނޑައިން ފަސް އަހަރު މުބާރާތުގައި ވާދަކުރާއިރު، ފުރަތަމަ މުބާރާތުގައި ސެމީ ފައިނަލުގައި އެފްސީ ބޭރުމަތި އަތުން 0-1ގެ ނަތީޖާއަކުން ބަލިވެ ވަނީ މުބާރާތުން ކަޓާފައެވެ. ޖެހިގެން އައި މުބާރާތުގައި ވަނީ ދެވަނަ ހޯދާފައެވެ. 2019 ވަނަ އަހަރު އުސްގަނޑައިން ޗެމްޕިއަންކަން ހޯދީ 1-3ގެ ނަތީޖާއިން ޒެލޯން ބަލިކޮށްގެންނެވެ. 2020 ވަނަ އަހަރު އުސްގަނޑަ އިން ޗެމްޕިއަންކަން ހޯދީ މައިލޯ ސިޓީ ބަލިކޮށްގެންނެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް އަދި މިހާތަނަށް އެއްވެސް ޓީމަކުން މިލްކު ކުރެވިފައި ނުވާއިރު، މިފަހަރު މުބާރާތަށް އުސްގަނޑައިން ނިކުތީ ވެސް މި އަޒުމުގައެވެ. ބޮޑު ހަރަދުތަކެއްކޮށް، ރާއްޖޭގައި ތިބި އެންމެ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ޓީމަށް ގެނެސްފައިވުމަކީ ވެސް ތަށި މިލްކު ކުރުމަށް އުންމީދުކޮށްފައިވާ މިންވަރު ހާމަވާ ކަމެކެވެ.

މުބާރާތުގެ ފައިނަލާ ގުޅޭގޮތުން ވާހަކަދައްކަމުން އުސްގަނޑަގެ ކޯޗު މުހައްމަދު އަލްތާފް (އަލްޓީ) ބުނީ މުބާރާތުގެ ތަށްޓާމެދު ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށާއި، ތަށި މިލްކު ކުރުން ވެގެންދާނީ ޓީމަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ އަށް ކަމަށެވެ. އަދި މުބާރާތުގެ ތަށި ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އަލްޓީ ބުންޏެވެ.

"މެޗަކަށްފަހު މެޗެއް ނެގުމުގެ ވިސްނުމުގައި މިއައީ. މިހާރު މިތިބީ ފައިނަލުގައި. ވޭތުވެދިޔަ ދެ އަހަރު ވެސް ގުރޫޕް ސްޓޭޖު މެޗެއްގައި އުސްގަނޑަ ބަލިވެފައި ނުވާނެ. އަޅުގަނޑުމެންގެ ވިސްނުން މިހުރީ ތަށްޓަށް. އެހެން އެއްވެސް ވިސްނުމެއް ނެތް،" އަލްޓީ ބުންޏެވެ.

ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް މެޗުގައި މައިލޯ ސިޓީއާއި އެފްސީ އުސްގަނޑަ ވާދަކުރާ ފައިނަލް މެޗު އޮންނާނީ އައްޑޫސިޓީގެ ހިތަދޫގެ މަނިކު ދަނޑުގައި މިރޭ 9:30 ގައެވެ. މި މެޗު ސަންގު ޓީވީން ލައިވް ކުރާނެއެވެ.

ވަގުތު ފުޓްސަލް ޗެލެންޖަކީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ހިތަދޫ މަނިކު ދަނޑުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ކުޅެފައިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މި މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ ހޯމް" އެވެ. މެއިން ސްޕޮންސަރ އަކަށް ލިބޭ، އިކުއިކްސް، ވީބީ ބްރަދާސް ހަމަޖެހިފައިވާއިރު، ކޯ ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް، އަވަސް ރައިޑް، ބެސްޓް ބައި ވަނީ ހަމަޖެހިފައެވެ. އަދި ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"، ޕްރިންޓިންގ ޕާޓްނަރަކަށް ކޮންޓްރޯލް ޕީ އަދި އޮފިޝަލް ކިޓް ޕާޓްނަރ އަކަށް ޖާޒީއާ ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކުއީއެވެ.