ޓިކީޓަކާގެ ހުނަރާއެކު ސްޕެއިންގެ ބާސެލޯނާއިން ކޮޕަ ޑެލް ރޭ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ.

މި ނަތީޖާއާ އެކު، މެއި ހަ ވަނަ ދުވަހު ކުޅޭ ފައިނަލުގެ ޖާގައެއް ހޯދަން ބާސެލޯނާ އިން އަންނަ މަހުގެ ފަސް ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލް މެޗުގެ ދެ ވަނަ ލެގުގައި ރެއާލާ ދެކޮޅަށް އެއްވަރުކޮށްލައިގެން ވެސް ފަރުޖައްސައިލެވޭނެ އެވެ.

މި މެޗު ފަށައިގެން ބާސާ އިން އައީ ގިނަ ޕާސްތަކެއް ޖަހައި ރެއާލްގެ ކުޅުންތެރިންނަށް ބޯޅަ ނުދީ ހިފަހައްޓައިގެން ކުޅެމުންނެވެ. ރެއާލް ކޮޅަށް ބާސެލޯނާ އިން ރޭގެ މެޗުގައި ޖެހި ހަަމައެކަނި ގޯލަކީ ރެއާލްގެ ބްރެޒިލް ޑިފެންޑަރު، އެޑާ މިިލިޓާއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 26 ވަނަ މިނިޓްގައި ބާސެލޯނާގެ ފްރޭންކް ކެސިއޭ، އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، ޖެހި ޝޮޓް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ފައިގައި ޖެހިފައި، ގޯލަށް ވަނީ މިލިޓާއޯ ފައިގައި ޖެހިފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅުކޮށް ހަމަލާ އުފައްދަން މަސައްކަތް ކުރި ނަމަވެސް ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް އުފެއްދުފައެއް ނުވެއެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ރެއާލަށް ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާނުލެވި ނިންމާލަން ޖެހުނު ފުރަތަމަ މެޗެެވެ. ބާސާއިން ވަނީ ދެވަނަ ހާފުގައި ވެސް ރަނގަޅަށް ޑިފެންސްކޮށްގެން އެޓީމުގެ އެންމެ ނުރައްކާ ދެ ކުޅުންތެރިން ކަމަށްވާ ކަރީން ބެންޒެމާއާއި ވިނީޝިއަސް ޖޫނިއާ ރަނގަޅަށް މާކު ކޮށްފައެވެ.

ރޭގެ މޮޅާއެކު ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވި ފަހުން ރެއާލާ ދެކޮޅަށް ކުޅުނު އެލް ކްލާސިކޯ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބާސެލޯނާ ވަނީ މޮޅުވެފަ އެވެ.