އުފަންވިއިރު ވެސް ފައިގެ ކަކުލުން ތިރީގައި މަސް ނެތުމުން ނުކުޅެދޭ މީހެއްގެ ގޮތުގައި ހުރެ ދުވުމުގެ ރޭސްތަކުން އެފަދަ ދެވަނައެއް ފަދަ ކުޅަދާނަ ކަމެއް ދެއްކި އޮސްކާ ޕިސްޓޯރިއަސް ވަރަށް އަވަހަށް ޖަލުން މިނިވަން ވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޕިސްޓޯރިއަސް ޖަލު ހުކުމެއް ތަންފީޒު ކުރުމުން ގެންދަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާގެ ލޯބިވެރިޔާ ރީވާގެ ގަޔަށް ބަޑި ޖަހައި މަރާލި މައްސަލައިގައެވެ. ޕިސްޓޯރިއަސް އޭނާގެ ލޯބިވެރިޔާގެ ގަޔަށް ބަޑި ޖެހީ ލޯބިވެރިޔާ ފާހާނާއަށް ވަން ވަގުތުއެވެ. ފާހާނާގެ ދޮރަށް އެތައް ފަހަރަކު ބަޑި ޖެހުމުން ރީވާގެ ގަޔަށް ވަޒަން އަރައި އޭނާ މަރުވިއެވެ.

އެމައްސަލައިގައި ޕިސްޓޯރިއަސް އަށް އައީ 13 އަހަރާއި ފަސް މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕިސްޓޯރިއަސް ޖަލުން ދޫކޮށްލުމަށް ޕެރޯލް ބޯޑުން ވަރަށް އަވަހަށް ނިންމާނެއެވެ.

ޕިސްޓޯރިއަސް ރީވާގެ މައިންބަފައިން މާފުކޮށްފިއްތޯ އާއި އޭނާ ޖަލުން ދޫކޮށްލުމުގައި ރީވާގެ މައިންބަފައިންގެ އިއުތިރާޒެއް އޮއްތޯ ޕެރޯލް ބޯޑުން ބަލާނެއެވެ. އެހެންވެ ޕިސްޓޯރިއަސް މީގެ އަހަރެއްހައި ދުވަސް ކުރިން ވަނީ ރިވާގެ މައިންބަފައިންނާއި ބައްދަލުކޮށް އޭނާއަށް ކުރެވުނު ކުށަށް މާފަށް އެދިފައެވެ. ރީވާގެ މައިންބަފައިން ވަނީ ޕިސްޓޯރިއަސް އަށް މާފު ކޮށްފައިވާ ކަމަށާއި، ނަމަވެސް އޭނާ އަދިވެސް ހުންނަން ޖެހޭނީ ޖަލުގައި ކަމަށް ބުނެފައެވެ.

ޕިސްޓޯރިއަސް ބުނާ ގޮތުގައި އޭނާ ފާހާނާގެ ދޮރަށް ބަޑި ޖެހީ ފާހާނާގެ ތެރޭގައި އުޅެނީ ވަގެއް ކަމަށް ހީކޮށެވެ. އޭނާ އަށް ހީވެފައި އޮތީ ރީވާ އޭނާގެ ކައިރީގައި ނިދާފައި އޮތް ކަމަށް ކަމުގައި ޕިސްޓޯރިއަސް ބުނެފައި ވެއެވެ.

ނަމަވެސް މަރުގެ މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދިން މީހުން ބުނި ގޮތުގައި ޕިސްޓޯރިއަސް އަކީ ކުއްލިއަކަށް ވަރަށް ގަދައަށް ރުޅި އަންނަ، ލޯބިވެރިޔާ އަށް އަނިޔާ ކުރާ މީހެކެވެ. ރީވާގެ އާއިލާ އާއި ގާތް އެކުވެރިން ވެސް ގަބޫލު ކުރާ ގޮތުގައި ޕިސްޓޯރިއަސް ރީވާ މަރާލީ ގަަސްދުގައެވެ. ރީވާގެ އާއިލާ އިން ވެސް ތަކުރާރުކޮށް އެދިފައި ވަނީ ޕިސްޓޯރިއަސް އަމިއްލައަށް ކުށަށް އިއުތިރާފު ވުމަށެވެ.

ރީވާގެ އާއިލާ އިން ބުނާ ގޮތުގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ޕިސްޓޯރިއަސްގެ މައްޗަށް ސާބިތުނުވީ އޭނާ އަކީ ނަން މަޝްހޫރު އެތުލީޓަކަށްވުމުންނެވެ. ޕިސްޓޯރިއަސްގެ މައްޗަށް ފުރަތަމަ އިއްވީ ވެސް ހައަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް ފަހުން މައްސަލަ އިސްތިއުނާފު ކުރުމުން 13 އަހަރާއި ފަސް މަސް ދުވަހަށް ޖަލު ހުކުމް ދިގު ދަންމާލީ މަތީ މަރުހަލާގެ އިސްތިއުނާފު ކޯޓުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕިސްޓޯރިއަސް ޖަލުން މިނިވަން ވުމުން އޭނާ އަށް 24 ގަޑިއިރު ފުލުހުން ހިމާޔަތް ދިނުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ. އެއީ މީހަކު ޕިސްޓޯރިއަސް އަށް ހަމަލާއެއް ދީފާނެތީއެވެ.