އިންޓްރެސްޓް ރޭޓް ކަނޑާލުމަށާއި ކަރަންޓުގެ އަގުތައް ދައްކުރުމަށާއި ވަޒީފާ އިތުރުކުރުމަށް ގޮވާލައި އެގައުމުގެ އެންމެ ބޮޑު ލޭބާ ޔޫނިއަން ކަމަށްވާ ކޮންގްރެސް އޮފް ސައުތު އެފްރިކަން ޓްރޭޑް ޔޫނިއަން (ކޮސާޓޫ) ގެ އެތައް ސަތޭކަ މެމްބަރުން ކޮމާޝަލް ކެޕިޓަލް ޖޮހަނެސްބާގްގައި ހުންނަ އެ ޕާޓީގެ ހެޑް އޮފީސް ކައިރީ މުޒާހަރާކޮށްފިއެވެ.

މީގެ އިތުރުން ދެކުނު އެފްރިކާގެ ނުވަ ޕްރޮވިންސާއި ކޭޕްޓައުން، ޑާބަން، ކިމްބާލީ، މަފިކޭންގް އަދި ރުސްޓެންބާގް ފަދަ ބޮޑެތި އާބަން ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން ވެސް ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ.

މި މުޒާހަރާތައް ފަށާފައި މިވަނީ އިގްތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުން ހިމެނޭ ގޮތަށް ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މުސާރަ 3.8 ޕަސެންޓް ބޮޑުކުރަން ރައީސް ސިރިލް ރަމަފޯސާ ސޮއި ކުރައްވާފައި ވަނިކޮށެވެ.

ކޮސާޓޫ އާއި ސަރުކާރާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން ގައުމީ މިނިމަމް ވޭޖް ގަޑިއަކު 23.19 ރޭންޑް (1.21 ޑޮލަރު) އިން ގަޑިއަކު 25.42 ރޭންޑް (1.33 ޑޮލަރު) އަށް ވަނީ އިތުރުކޮށްފަ އެވެ.

ނަމަވެސް ޔޫނިއަންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިންޓަރެސްޓް ރޭޓް ބޮޑުވުން ފަދަ އިގްތިސާދީ ހާލަތުގެ ސަބަބުން އެންމެ ފަހުން އަމާޒުކުރި މިންވަރު އިތުރުވުމުގެ އަސަރު ވަނީ ކުޑަވެފަ އެވެ.

އެފްރިކާގެ އެންމެ އިންޑަސްޓްރިއަލް ގައުމަކީ ކޮވިޑް-19 އަށް ފަހު އިގްތިސާދީ ރިކަވަރީ ސްޓްރެޓެޖީ ތަންފީޒު ކުރަމުން އަންނަ ގައުމަކަށް ވާއިރު، ކަރަންޓު ކެނޑުމާއި ވަޒީފާ ނެތް މީހުންނާއި އިންޓަރެސްޓް ރޭޓް ބޮޑުވުމުގެ އިތުރުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން އިޖުތިމާއީ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

ޖޮހަނަސްބާގްގެ މުޒާހަރާގައި ކޮސާޓޫގެ ދެވަނަ ނައިބު ރައީސް ޑަންކަން ލުވުނޯ ވިދާޅުވީ މެޑިކަލް އެއިޑްގެ ޚަރަދާއި ބޭންކް ލޯނާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގުތައް ބޮޑުވުން މަސައްކަތްތެރިން ކުރަން ޖެހޭ ހޭދަ އިތުރުވެފައިވާ ކަމަށެވެ.

ޔޫނިއަންގެ މެންބަރުން ތިއްބެވީ "އިހުތިޖާޖު ކުރުމުގެ ހައްގަކީ އަޅުގަނޑުމެންގެ ދުސްތޫރީ ހައްގެއް!" ލިޔެފައިވާ ބައެއް ބޯޑުތައް ހިފައިގެންނެވެ.