ޕެނަލްޓީގައި އިނގިރޭސި ވިލާތުގެ އާސެނަލް ބަލިކޮށް ޔޫރަޕާ ލީގުގެ ކުއާޓާ ފައިނަލަށް ޕޯޗުގަލްގެ ސްޕޯޓިން ދަތުރުކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު ދެވަނަ ލެގްގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު ވެސް 1-1 އިން ވަނީ އެއްވަރުވެފައެވެ. އެހެންވެ، ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފް ކުޅުނު އިރު، ދެ ޓީމުގެ ތެރެއިން އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ފުރަތަމަ ލެގްގައި ސްޕޯޓިން ދަނޑުގައި ކުޅުނު މެޗު 2-2 އިން ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީގައި އާސެނަލް ބަލިވީ 3-5 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އާސެނަލްގެ ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު ގްރެނިޓް ޝާކާއެވެ. މިއީ އާސެނަލްގެ ގެބްރިއަލް މާޓިނެލީ ފޮނުވާލި ބޯޅައެއް ދިފާއު ކުރުމުން ރިބައުންސްގައި ޝާކާ ޖެހި ލަނޑެކެވެ.

ސްޕޯޓިން އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 62 ވަނަ މިނެޓުގައި ޕެޑްރޯ ގޮންގާލްވެސްއެވެ.

އާސެނަލް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ މާޓިން އޮޑެގާޑް އާއި ބަކާޔޯ ސަކާ އާއި ލިއަންޑްރޯ ޓްރޮސާޑް ޖެހި ޕެނަލްޓީއެވެ. މާޓިނެލީ ޖެހި ޕެނަލްޓީ ވަނީ ދިފާއުކޮށްފައެވެ.

ސްޕޯޓިންގެ ފަސް ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ޖެރެމިއަ، ރިކާޑޯ އެސްގާއޯ، ގޮންސާލޯ އިނާސިއޯ، އަރްތޫރު ގޮމޭސް، ނޫނޯ ސަންޓޯސް ޖެހި ޕެނަލްޓީތަކެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އާސެނަލްއަކީ މި މުބާރާތުގެ ތައްޓަށް ވާދަކުރި ޓީމެއް ކަމަށާއި އެ ޓީމު ކަޓައިގެން ދިއުމަކީ ލިބުނު ދެރައެއް ކަމަށެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ސްޕޯޓިން އަށް މަރުހަބާ ކިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އާސެނަލް އިން ބޭނުންވި ގޮތަށް ފުރަތަމަ ނުކުޅެވޭ، މާ ބޮޑެތި ހުސް ތަންތަން ބޭއްވުނީ، ބޯޅަ ވެސް އިދިކޮޅު ޓީމަށް މާ ގިނަ އިން ދެވުނީ. އެކަމަކު، ފަހު 20 މިނެޓުގައި އެކަން ރަނގަޅުކުރި، ބޮޑު ތިން ފުރުސަތެއް ލިބި ގޯލެއް ނުޖެހުނު،" އާޓެޓާ ބުންޏެވެ.

"އިތުރު ވަގުތުގައި، އަނެއްކާ ވެސް އާސެނަލް ކުޅުނު ފެނުނު. ބޮޑު ދެ ހަމަލާއެއް އުފެއްދި،"

މުބާރާތުން ކެޓުމުން، ކުޅުންތެރިން މާޔޫސްވާނެ ކަން އެނގޭނެ ކަމަށާއި އެކަމަކު، ކުރިއަށް އޮތީ ފައިނަލެއް ކަމަށް އޭނާ ބުންޏެވެ. އޭނާ އެ އިޝާރާތް ކުރަނީ އަންނަ އާދިއްތަ ދުވަހުގެރޭ ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ.

މި ސީޒަންގައި އާސެނަލް އަށް ބާކީ އޮތީ އެންމެ މުބާރާތެކެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލް އޮތް އިރު، އެ ޓީމަށް މުބާރާތް ކާމިޔާބު ކުރަން ތަނަވަސް ފުރުސަތެއް އެބައޮތެވެ. އެއްވަނައިގައި އާސެނަލް އޮތީ ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއެކުއެވެ.

ޔޫރަޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ 1-0 އިން ރެއާލް ބެޓިސް ބަލިކޮށް 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓާ އަށް ދަތުރުކޮށްފައެވެ. ޔުވެންޓަސް ވަނީ 2-0 އިން ފްރެއިބާގް ބަލިކޮށް 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓާ އަށް ގޮސްފައެވެ.

އޭގެ އިތުރުން ރޯމާ، ފެނަބާޗޭ، ފެޔެނޫޑް، ބަޔާން ލެވަކޫސަން ފަދަ ޓީމުތައް ވެސް ވަނީ ކުއާޓާ އަށް ގޮސްފައެވެ.

ފުރަތަމަ ލެގްގުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އޭޕްރީލް 13 ވަނަ ދުވަހުއެވެ.