ކޮމިޝަނާ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ "ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ" ސެމީ ފައިނަލުން ހުޅުމާލެ ޕޮލިސް ޔަންގް ޖެނެރޭޝަން އާއި ހުޅުމާލެ ޕޮލިސް ޗެލެންޖަރސް އާއި ގަލޮޅު ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯއާރުސީ) ޖާގަ ހޯދައިފިއެވެ.

ހުޅުމާލެ ޓްރީޓޮޕް ކައިރީ އޮންނަ ފުޓްސަލް ދަނޑުގައި ކުޅުނު ކުއާޓަރ ފައިނަލް ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ހުޅުމާލެ ޔަންގް ޖެނެރޭޝަން އާއި އެސްއޯއާރުސީ ޖޫނިއަރސްއެވެ. މިމެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހުޅުމާލެ ޕޮލިސް ޔަންގް ޖެނެރޭޝަންއެވެ. މިމެޗުގައި ހުޅުމާލެ ޕޮލިސްއަށް ލަނޑުތައް ޖަހައިދީފައިވަނީ އަލީ މާނިހު އާއި އަހްމަދު ލޫތުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހުޅުމާލެ ޔަންގް ޖެނެރޭޝަންގެ އަބާން މުޙައްމަދުއެވެ.

ހުޅުމާލެ ޕޮލިސް ޗެލެންޖަރސް ސެމީ ފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލުގައި ކުލަބް އީއެމްއެސްއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެނެވެ. މިމެޗުގައި ހުޅުމާލެއަށް ލަނޑުތައް ޖަހައިދީފައިވަނީ ނައުޝާޒް މުހައްމަދު އާއި މުޙައްމަދު ޒީޝާން އަދި މުޙައްމަދު ވިޔާޒްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ ނައުޝާޒް މުޙައްމަދުއެވެ.

އެސްއޯއާރުސީ ސެމީ ފައިނަލުން ޖާގަހޯދީ އައިޑީ ކުލަބާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން އައިޑީ ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ. މިިމެޗުގައި އެސްއޯއާރުސީއަށް ލަނޑުތައް ޖަހައިދިނީ އަޙްމަދު ރިފްޝާން އާއި ޝާފިއު ރަޝީދުއެވެ. މިމެޗުގައި ރިފްޝާން ވަނީ ދެ ލަނޑު ޖަހައިދީފައެވެ. މިމެޗުގައި އައިޑީ ކުލަބުގެ ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ އަލީ ވިފާގް ޙަސަންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެސްއޯއަރުސީގެ ރިފްޝާންއެވެ.

ގަލޮޅު ޕޮލިސް މުބާރާތުގެ ސެމީން ޖާގަހޯދީ ޕީއެސްއާރުސީ ޖޫނިއަރސް އާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 4-4 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ކުރިހޯދައިގެންނެވެ. މިމެޗުގައި ގަލޮޅު ޕޮލިސްއަށް ލަނޑުތައް ޖަހައިދީފައިވަނީ ދެ ލަނޑު ޖެހި އިބްރާހިމް ބިޝާރު އާއި ޢަލީ ރިޝްވާން އަޙްމަދު އާއި ޢަލީ މުނާޒްއެވެ. ޕީއެސްއާރުސީއަށް ލަނޑުތައް ޖަހައިދީފައިވަނީ ޖިނާޙް ހާރޫން އަދި ރިޔާޝް ޢަލީއެވެ. މިމެޗުގަައި ޖިނާޙް ހާރޫން ވަނީ ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިބްރާހިމް ބިޝާރުއެވެ.

ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ހުޅުމާލެ ޕޮލިސްގެ ދެ ޓީމެއެވެ. އެއީ ހުޅުމާލެ ޕޮލިސް ޗެލެންޖަރސް އާއި ހުޅުމާލެ ޕޮލިސް ޔަންގް ޖެނެރޭޝަންއެވެ. މިިމެޗު ފަށާނީ މިރޭ 08:15 ގައެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކުރާނީ އެސްއޯއާރުސީ އާއި ގަލޮޅު ޕޮލިސްއެވެ. މިމެޗު ފަށާނީ މިރޭ 09:30 ގައެވެ.

މިއަހަރުގެ ސީޕީ ކަޕް ފުޓްސަލް މުބާރާތުގައި ފުލުހުންގެ އެކި ބަހާތަކުން ޖުމްލަ 33 ޓީމު ބައިވެރިވެފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.