މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގައި މުސްލިމް ފުޓްބޯޅަ ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުޞަތު ދިނުމަށް ޕްރެމިއަރ ލީގްގެ ގޭމްތަކުގައި އިރުއޮއްސޭ ގަޑިއަށް މެޗްތައް މެދުކަނޑާލުމަށް ރެފްރީންނަށް އިރުޝާދު ދޭން ނިންމައިފިއެވެ.

ޕްރެމިއަރ ލީގްގެ އޮފިޝަލުން މިގޮތަށް ނިންމާފައިވަނީ ޗެލްސީގެ އެންގޮލޯ ކަންޓޭ، ލިވަރޕޫލްގެ މުޙައްމަދު ޞޮލާހު އަދި މެންޗެސްޓަރ ސިޓީގެ އިލްކާއި ގުންޑަގާން އާއި ރިޔާދް މަހްރޭޒް ފަދަ މުސްލިމް ކުޅުންތެރިން ޕްރެމިއަރ ލީގްގައި ކުޅެމުންދާތީއެވެ.

އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުސްލިމް ކުޅުންތެރިންނަށް މަޢްރިބް ވަގުތުގައި ދިޔާ ތަކެތިން ނުވަތަ އެނަރޖީ ސަޕްލިމެންޓްތަކުން ރޯދަ ވީއްލުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. އަދި ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ވަނީ މިކަން ކުރަންވީގޮތުގެ އިރުޝާދު ރެފްރީންނަށް ދީފައިކަމަށް ބޭރުގެ ކުޅިވަރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި ހަމައެއާއިއެކު، މެޗު ފެށުމުގެ ކުރިން ވެސް މެޗުގެ ތެރޭގައި ރޯދަ ދޫކޮށްލަން ޖެހިދާނެ ކުޅުންތެރިން ދެނެގަނެ އެހީތެރިވުމުގެ މަސައްކަތް ކުރުމަށް ބާރުއަޅަންވެސް ރެފްރީންނަށް އިރުޝާދު ދެވިފައިވެއެވެ.

މީގެ ކުރިން 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ލެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗަކީ މެޗުގެ މެދުތެރެއިން މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިން ޑިވިޝަންގެ ފުރަތަމަ މެޗްއެވެ. އެ މެޗްގައި، ދެ ކްލަބުން ވެސް ވަނީ ރެފްރީ ގްރެހަމް ސްކޮޓްއާ އެކު މެޗުގެ ކުރިން ވެސްލީ ފޯފާނާ އާއި ޝެއިކޫ ކުޔާޓޭ އަށް ރޯދަމަހުގެ ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމަށް ކުޅުން މެދުކަނޑާލަން އެއްބަސްވެފައެވެ.

މީގެ އިތުރަށްވެސް، އެ މެޗްގައި ހާފް-އަވަރ މާކް ނިމުނުތާ މާގިނައިރުތަކެއް ނުވެ ވިސެންޓޭ ގުއައިޓާ ވަނީ ގޯލް ކިކެއް ނެގުން ލަސްކޮށް، ފޯފާނާ އާއި ކޮއުޔާޓޭ އަށް އެނާޖީ ޖެލް ނަގަން ފުރުސަތު ދީފައިއެވެ. އޭނާގެ ފަރާތުން ފެނުނީ ރަނގަޅު ސްޕޯޓްސްމޭންޝިޕްކަން ފާހަގަކޮށް ފުޓްބޯޅައިގެ އެންމެ ރީތި ކަމަކީ އެއީކަމަށް ބުނެ ފޯފާނާ ވަނީ ގުއައިޓާ އަދި ޕްރެމިއަރ ލީގްގެ އޮފިޝަލުންނަށް ޝުކުރުވެސް އަދާކޮށްފައެވެ.

ޕްރެމިއަރ ލީގްގެ އިތުރުން އިންގްލިޝް ފުޓްބޯލް ލީގް(އީއެފްއެލް)ގައިވެސް މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުޞަތު މިގޮތަށް ދެވިގެންދާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަފީސާ

    ﷲ އަކްބަރް

    18
  2. ބލމގ

    މީ އިނގިރޭސި ލީގް ނަލަ ކަމަކީ ! ވީއަރ އާރސެނަލް