އިނގިރޭސި ކްލަބް، ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ހޯދުމަށް ސްޕެއިންގެ ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ކާންޓޭ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާތީ، އެއްބަސްވުން އާ ކުރުމަށް އެ ކުލަބާ އެކުގައި މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަނިޔާގައި ހުރެފައި، އެނބުރި ކުޅުމުގެ ތެރެއަށް ދާދި ފަހުން އައި ކާންޓޭ، ޗެލްސީއާ އެކު ހެދި އެއްބަސްވުން ހަމަ ވާނީ މި ސީޒަން ނިމުމުންނެވެ.

ޕްރިމިއާ ލީގު ކްލަބް ލެސްޓާ ސިޓީން 2016 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ކާންޓޭއަކީ ލެސްޓާ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށް ދިނުމަށް އެންމެ މުހިންމު ރޯލެއް އަދާ ކުރި ކުޅުންތެރިޔާއެވެ.

އަންނަ ސީޒަން ފެށުމުގެ ކުރިން ބާސާ އަށް ގެންދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ ތެރޭގައި ކާންޓޭ ހިމެނެއެވެ. އޭނާ އަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހަޅަން ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ބޭނުންވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން ވެސް ކާންޓޭ އަށް ހުށަހަޅަން އުޅެނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. އަދި ބޭނުންވެއްޖެ ނަމަ، އިތުރު އެއް އަހަރަށް އެއްބަސްވުން ދަންމާލެވޭނެއެވެ.

ކާންޓޭ ވަނީ ފްރާންސް އަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި ވެސް މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި އޭނާ ވަނީ ޗެލްސީއާ އެކުގައި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް އަދި ޔޫރަޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ޕްރިމިއާ ލީގުގައި އުފެދުނު އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކާންޓޭ ހޯދުމަށް ވާދަވެރި އާސެނަލް އާއި ޕީއެސްޖީ އިން ވެސް މަސައްކަތް ކުރާ ކަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އާސެނަލް އިން ކާންޓޭ އަށް ޝައުގުވެރިކަން ފާޅުކުރި އިރު، ޗެލްސީ އަށް ކުޅުނު އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ވަނީ ދާދި ފަހުން އާސެނަލް އަށް ބަދަލުވެފައެވެ.