މެންޗެސްޓާ ސިޓީގެ ކެޕްޓަން އަދި ޖަރުމަނުގެ ހުނަރުވެރި މިޑްފީލްޑަރު އިކައި ގުންޑޮގަން އެ ކުލަބު ދޫކޮށް ބާސެލޯނާއަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ގުންޑޮގަން ބާސެލޯނާއަށް ބަދަލު ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއާއެކު ކުޅުންތެރިޔާ ރަޖިސްޓްރީ ކުރުމަށް ބާސެލޯނާ އިން ވަނީ ފޮނުވައިފައެވެ.

ގުންޑޮގަންއަކީ ނިމިދިޔަ ސީޒަނުގައި މެންޗެސްޓަ ސިޓީ އަށް ކާމިޔާބު ހޯދައި ދިނުމުގައި އެންމެ ބޮޑު އެއް މޭސްތިރިޔާއެވެ. ސިޓީން ވަނީ މިދިޔަ ސީޒަންގައި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ ތަށި ވެސް އުފުލާލައިފައެވެ. އެފްއޭ ކަޕްގެ ފައިނަލްގައި އޭނާ ވަނީ ސިޓީ އަށް ދެ ގޯލް ޖަހައި ދީފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރު މެންޗެސްޓާ ސިޓީއާގުޅުމަށް ފަހު އޭނާ ވަނީ ޖުމުލަ 188 މެޗު އެކުލަބަށް ގަނެދީފައެވެ. އަދި 44 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. ސީޒަން ނިމުމާ ގާތްވެފައި ވަނިކޮށް ގުންޑޮގަން ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަށް ވަނީ ފެތުރެން ފަށާފައެވެ. ނަމަވެސް އޭރު ކުލަބުންނާއި ގުންޑޮގަންގެ ފަރާތުން މިކަމަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އުމުރުން 32 އަހަރުގެ ގުންޑޮގަން އަކީ 2011 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ކުޅަދާނަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް ކުޅެދިން 67 މެޗުން އޭނާ ވަނީ 17 ގޯލު ކާމިޔާބުކޮށްދީފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީއާ އެކު އޭނާ ވަނީ ޖުމުލަ ފަސް ފަހަރު ލީގު ކާމިޔާބުކޮށްފައެވެ. އަދި އެފްއޭ ކަޕް ދެ ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.

ބާސެލޯނާއަށް ދިމާވެފައިވާ މާލީ މައްސަލަތައް މިހާރު ހައްލު ކުރެވިފައިވާ ކަމުގައި ބާސެލޯނާ އިން ވަނީ ބުނފައެވެ. އެއާއެކު އެކުލަބުގެ ޒުވާން ކުޅުންތެރިޔާ ގަވީ ވެސް ވަނީ ރަސްމީކޮށް ލަލީގާގައި ރަޖިސްޓްރީ ކޮށްފައެވެ. ނަމަވެސް އެކުލަބުގެ ލެޖެންޑް އަޑި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގެންދިޔުމަށް ކުރަމުން ދިޔަ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.