އިނގިރޭސި ޕްރިމިއާ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މެންޗެސްޓާ ސިޓީގެ އާލިންގް ބްރައުޓް ހާލަންޑް މުގުރާލައިފިއެވެ.

އުމުރުން 22 އަހަރުގެ ހާލަންޑް މި ރެކޯޑް ހެދީ ރޭ ވެސްޓްހަމް އަތުން މެންޗެސްޓާ ސިޓީ އިން 0-3 އިން މޮޅުވި މެޗުގައެވެ. މިނަތީޖާއާއެކު ސިޓީ އިން ވަނީ 32 މެޗު ކުޅެގެން 79 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އާސެނަލް އޮތީ 34 މެޗު ކުޅެގެން 78 ޕޮއިންޓް ހޯދައިގެންނެވެ. ވެސްޓްހަމް އޮތީ ތާވަލުގެ 15 ވަނައިގައި 34 ޕޮއިންޓާއެކުއެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 50 ވަނަ މިނެޓްގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ ނަތަން އަކޭއެވެ. އަކޭ މި ގޯލު ކާމިޔާބުކުރީ ރިޔާދު މަހްރޭޒް ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ސިޓީގެ ދެވަނަ ގޯލު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގްރީލިޝް ދިން ޕާހަކުން މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާލަންޑެވެ. މިއީ ހާލަންޑް ޕްރިމިއާ ލީގުގައި ޖެހި 35 ވަނަ ގޯލެވެ. މިއާ އެކު ހާލަންޑަކީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

38 މެޗު ކުޅޭ ލީގު ފޯމެޓާއި 42 މެޗު ކުޅުނު ލީީގު ފޯމެޓްގައި ވެސް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ހާލަންޑް އަތުގަ އެވެ. ކުރިން 38 މެޗުގެ ފޯމެޓްގެ ގޯލު ޖެހުމުގެ ރެކޯޑް އޮތީ 33 ގޯލާ އެކު މުހައްމަދު ސަލާހު އަތުގަ އެވެ. އަދި 42 މެޗުގެ ފޯމެޓްގެ ރެކޯޑް އޮތީ 34 ގޯލާ އެކު އެލަން ޝިއަރާ އާއި އެންޑީ ކޯލް އަތުގަ އެވެ.

މުޅި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ހާލަންޑް މި ވަނީ 51 ގޯލު ޖަހައިފަ އެވެ. އިނގިރޭސި ފުޓްބޯޅަ ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް، ޑިކްސީ ޑީންގެ ރެކޯޑް މުގުރާލަން ހާލަންޑަށް ބޭނުންވަނީ 12 ގޯލެވެ. އެކަން ހާސިލްކުރަން ހާލަންޑަށް ނުވަ ވަރަކަށް މެޗު އެބައޮތެވެ. ސިޓީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 85 ވަނަ މިނެޓުގައި އެޓީމުގެ އެންމެ އުންމީދީ ކުޅުންތެރިޔާ ފިލް ފޮޑެންއެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުން ލިވަޕޫލުން ވަނީ 1-0 އިން ފުލަމް ބަލިކޮށް ލީގުގެ ފަސް ވަނައިގައި ހަމަޖެހިލައިފަ އެވެ. ފަހެއްގައި އޮތް ލިވަޕޫލަށް 34 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ 34 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު