15 އަހަރު ވަންދެން ބާރސެލޯނާ ކްލަބަށް ކުޅެދީފައިވާ ސްޕެއިންގެ ކުޅަދާނަަ ފުޓްބޯޅަ ކުޅުންތެރިޔާ ސާރޖިއޯ ބުސްކެޓްސް ބާރސެލޯނާއާއި އެކު އެއްބަސްވުން އައު ނުކުރާނެ ކަމަށް ބޭރުގެ ކުޅިވަރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފިއެވެ.

ސްޕެއިންގެ ލަލީގާ ކްލަބް ބާސެލޯނާގައި ޑިފެންސިވް މިޑްފިލްޑާރއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ބުސްކެޓްގެ މި ނިންމުމާއިއެކު، މިހާރު ބާސެލޯނާއިން މަޑުކޮށްގެން ތިބީ މިކަމާއި ގުޅޭ ރަސްމީ މުއާމަލާތަކަށެވެ.

އަންގާރަ ދުވަހުގައި ބާސެލޯނާ ކްލަބުގެ އިތުރު ސީޒަނެއްގައި ކުޅުމުގެ ޝައުގުވެރިކަން ނެތް ވާހަކަ ހިއްސާކުރުމަށްފަހު، މިހާރު ބާސެލޯނާގެ ސަޕޯޓަރުން ތިބީ ކުލަބުން އެ ނިންމުން ރަސްމީ ގޮތެއްގައި އިއުލާނުކުރާނެ ދުވަހެއްގެ އިންތިޒާރުގައިއެވެ. ދިގު މުއްދަތަކަށް ބާސެލޯނާއަށް ޚިދުމަތްކޮށްފައިވާ ބުސްކެޓްސްއަށް އަލްވަދާއު ކިޔުމަށް އެ ކުލަބުން ޚާއްސަ ހަފްލާއެއް ބާއްވާނެ ކަމަށްވެސް "ދި ޑެއިލީ މެއިލް" އިން ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފަހުގެ ޚަބަރުތަކުން ރިޕޯޓްކުރަމުންދާ ގޮތުގައި ބާސެލޯނާގެ ކޯޗް ޝަވީ ހެރްނާންޑޭޒް ބޭނުންވަނީ ބުސްކެޓްސް ޓީމުގައި ބެހެއްޓުމަށެވެ. ނަމަވެސް ބާސެލޯނާގެ މާލީ ޙާލަތު މިވަގުތު ތަންނުދިނުމުގެ ސަބަބުން އޭނާއަކަށް ބުސްކެޓްއަށް ރަނގަޅު ހުށަހެޅުމެއް ހުށަނޭޅުނެވެ.

ބާރސެލޯނާއަށް ކެޕްޓަންކަންކޮށްދީފައިވާ އުމުރުން 34 އަހަރުގެ ބުސްކެޓް އެ ކުލަބަށް ކުޅެން ފެށީ 2008 ވަނަ އަހަރުގައިއެވެ. އެއަށްފަހު، އޭނާ ވަނީ ޖުމްލަ 700 މެޗުގައި ބައިވެރިވެފައިއެވެ.

ބާސެލޯނާއަށް ކުޅެމުންދިޔަ މުއްދަތު ތެރޭގައި އޭނާ ވަނީ 15 ސީޒަންގައި 30 ޓްރޯފީ ހާސިލުކުރުމުގެ އިތުރަށް ބާސެލޯނާއަށް 9 ފަހަރު މަތިން ލާ ލީގާގެ ޓައިޓަލް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިއެވެ. އަދި ހަމައެއާއިއެކު، އޭނާ ވަނީ އެ ކްލަބަށް 7 ކޮޕާ ޑެލް ރޭ ޓައިޓަލް އަދި 3 ޔުއެފާ ޗެމްޕިއަންސް ލީގްގެ ޓައިޓަލް ހޯދާ ދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިއެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ބާރސެލޯނާ ދޫކުރުމަށްފަހު ބުސްކެޓްސް އެމްއެސްއެލް ނުވަތަ ސައުދީ ކްލަބުތަކަށް ކުޅޭ ތަން ފެނިގެންދިއުން އެކަށީގެންވެއެވެ.