ޕްރިމިއާ ލީގު ކްލަބު ނިއުކާސަލް ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް ކޮލިފައިވި އިރު، ލެސްޓާ ސިޓީ ރެލިގޭޓްވުމާ ގާތަށް ޖެހިލައިފިއެވެ.

ނިއުކާސަލް ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ލެސްޓަ ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވުމުންނެވެ. ނިއުކާސަލް ކުޅުނު 37 މެޗުން ވަނީ 70 ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމު އޮތީ ތާވަލްގެ ތިން ވަނައިގައެވެ. ލީގުގައި އެ ޓީމަށް އޮތީ އެންމެ މެޗެކެވެ. އެއީ އަންނަ އާދިއްތަ ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ނިއުކާސަލް ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައި ވަނީ އެ ޓީމަށެވެ. އެކަމަކު، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގެ ތައްޓެއް ވެސް ހޯދާފައިވާ ލެސްޓަ ސިޓީން މިހާތަނަށް ލީގުގައި ކުޅުނު 37 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލްގެ 18 ވަނައިގައެވެ. ލެސްޓަ ސިޓީން ފަހު މެޗުގައި ނުކުންނާނީ ވެސްޓްހަމް ޔުނައިޓެޑްއާ ދެކޮޅަށެވެ. އެ މެޗުން ލެސްޓާ މޮޅުވާން މަޖުބޫރެވެ. އެކަމަކު، އެވަޓަން ކުޅޭ މެޗަށް އިންތިޒާރު ކުރަން ޖެހޭނެއެވެ.

އެވަޓަން އަށް ވަނީ 37 މެޗުން 33 ޕޮއިންޓް ލިބިފައެވެ. އެވަޓަން ނުކުންނާނީ ބޯންމައުތު އާ ދެކޮޅަށެވެ. އެ މެޗުން އެވަޓަން މޮޅުވެއްޖެ ނަމަ، ލެސްޓަ ސިޓީ ރެލިގޭޓް ވާނެއެވެ. އެވަޓަން އެއްވަރުވިޔަސް، އެ ޓީމަށް ރެލިގޭޓް ނުވެ ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.

ނިއުކާސަލް ޔުނައިޓެޑް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކުޅުނީ 2003 ގައެވެ.