ޔުވެންޓަސްގައި ރަނގަޅު ކާމިޔާބެއް ނުލިބުނު ނަމަވެސް، ރަނގަޅު ރައްޓެހިން ލިބިއްޖެ ކަމަށާއި އެކަމާ އުފާކުރާ ކަމަށް އެ ކުލަބް ދޫކޮށްލަން ނިންމާފައިވާ އެންހެލް ޑިމާރިއާ ބުނެފިއެވެ.

އާޖެންޓީނާ އަށް އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑިމާރިއާ މިހެން ބުނީ ޔުވެންޓަސްއަށް ކުޅުން ހުއްޓާލިކަމަށް ބުނެ އިސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ. ޑިމާރިއާ ބުނެފައިވަނީ ޔުވެންޓަސްއަށް ބޮޑެތި މުބާރާތްތަކުގެ ތަށި ކާމިޔާބު ނުކޮށްދެވުނީތީ ދެރަވި ނަމަވެސް، ކުލަބުން ރަނގަޅު ރައްޓެހިން ލިބުނު ކަމަށާއި ރައްޓެހިންނަށް ކާމިޔާބު ލިބުމަށް އަބަދުވެސް އެދޭނެ ކަމަށެވެ.

"އަހަރެންނާއެކު ޔުވެންޓަސްގައި ކާމިޔާބު ހޯދުމަށް މަސައްކަތްކުރި ހުރިހާ ކުޅުންތެރިންނާއި ކޯޗުންނަށް ޝުކުރުއަދާކުރަން. ޔުވެންޓަސްގައި ރަނގަޅު ކާމިޔާބީތަކެއް ނުލިބުނުނަމަވެސް ޗޭންޖިން ރޫމުން ރަނގަޅު ރައްޓެހިން ލިބިއްޖެ، އަހަރެންނަށް އަބަދުވެސް މި ކުލަބު ސިފަކުރެވެނީ އަމިއްލަ ވަޒަން ކަމުގައި" ޑިމާރިއާ ބުންޏެވެ.

ޑި މާރިއާ ޔުވެންޓަސް ދޫކޮށްލުމަށް ނިންމުމުން އޭނާގެ ކުރީގެ ކުލަބު، ބެންފިކާ އިން ދަނީ އޭނާ އަނބުރާ އެ ޓީމަށް ގެނައުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ރިޕޯޓުތަކުން ބުނާގޮތުން އޭނާގެ މުސްތަގުބަލު އަދި އޮތީ ޔޫރަޕު ފުޓުބޯޅައާއެކުއެވެ. އެގޮތުން، ދެ ޓީމަކުން އޭނާ ހޯދުމަށް މަސައްކަތް ކުރާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އުމުރުން 35 އަހަރުގެ ޑި މާރިއާ ޕީއެސްޖީ އިން ޔުވެންޓަސްއަށް ބަދަލުވީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި، ހިލޭ ޓްރާންސްފާއެއްގެ ގޮތުގައެވެ. އޭނާ ވަނީ ޔުވެންޓަސް އަށް ކުޅެދިން 40 މެޗުން އަށް ލަނޑު ޖަހާފައެވެ. ނަމަވެސް ޔުވެންޓަސްގެ ސަޕޯޓަރުން ވަނީ އޭނާއަށް ޖެއްސުންކޮށްފައެވެ.

ޔުވެންޓަސްއަށް ބަދަލުވުމަށް ފަހު ޑި މާރިއާއަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޓީމުގެ އެޓޭކުތައް ފެށުމުގައި އޭނާގެ ހިއްސާ ބޮޑެވެ.