ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި އުޅުނު ދުވަސްކޮޅަކީ އުފާވެރިކަމެއް ނެތް ދުވަސްތަކެއް ކަމުގައި އާޖެންޓީނާގެ ކުޅަދާނަ ފުޓްބޯޅަ ތަރި ލިޔޮނަލް މެސީ ބުނެފިއެެވެ.

ސްޕެއިންގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ އޭނާއަށާއި އޭނާގެ އާއިލާއަށް ފްރާންސްގައި ހޭދަކުރި ދުވަސްކޮޅު އުނދަގޫ ދުވަސްކޮޅަކަށް ވެގެންދިޔަ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެސީއާއި އާއިލާއަށް ޕީއެސްޖީން ފްރެންޗް ބަސް ދަސްކޮށްދޭން ޕްރައިވެޓް ކްލާސްތައް އިންތިޒާމްކުރިޔަސް، އެމީހުންނަށް އެ ބަހުން ފަރިތަކޮށް މުހާތަބުކުރަން ދަތިވިއެވެ. އަދި ވަކިން ޚާއްސަކޮށް ފުރަތަމަ ދުވަސްކޮޅުގައި އޭނާގެ އާއިލާއަށްވެސް އެ ބަހުން މުހާތަބުކުރަން ދަތި ކަމުގައި ރިޕޯޓްތައް ބުނެއެވެ. އޭނާ އޭރުގައި އުޅުނީވެސް އޭންޖެލް ޑި މާރިއާއާއި ލިއަންޑްރޯ ޕަރެޑޭސްއާ ކައިރި ގެއެއްގައިއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި މެސީގެ އާއިލާއަށް ޕެރިސްގެ މޫސުން ކަމުނުދިއުމުގެ އިތުރަށް އޭނާއަށް ޕެރިސްގައި އުޅުުނު ތަނަށްވުރެ ސްޕެއިންގައި ދިރިއުޅުނު ގެ މާ ހިތްގައިމުވެފައި ފަސޭހައެވެ.

މެސީ ބުނީ އޭނާއަށް އެންމެ އުނދަގޫވި ކަމަކީ ދަރިންގެ ސްކޫލުގެ ކަންތައްތައް ބެލެމުގައި ދިމާވި ދަތިތައް ކަމަށާއި ޕެރިސްގައި ހޭދަކުރި މުއްދަތުގައި އޭނާގެ އާއިލާއަށްވެސް އަސަރުކުރި ކަމަށެވެ. އަދި އޭނާއަށް ފްލޮރީޑާގައި ދިރިއުޅެން ވަރަށް ފަސޭހަވެގެންދާނެ ކަމުގައި މެސީ ބުންޏެވެ.

އިންޓާ މިއާމީ އަށް ބަދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މެސީ ބުނީ ޔޫރަޕުގެ ބައެއް ކުލަބުތަކުން ހުށައެޅުންތައް ލިބުނު ކަމަށާއި، އެ ހުށައެޅުންތައް ދޫކޮށްލީ ޔޫރަޕުގައި ހަމައެކަނި ބާސެލޯނާ އަށް ކުޅެން ބޭނުންވާތީ ކަމަށެވެ.

ސައުދީގެ އަލް ހިލާލުން ބިލިން ޔޫރޯއިން އަގު ހުށައެޅުމުން ވެސް މެސީ ވަނީ ހުށަހެޅުން ދޫކޮށްލައިފައެވެ. މީޑިއާ އާ ވާހަކަ ދައްކަމުން މެސީ ބުނީ، ބާސެލޯނާއަށް އެނބުރި ނުދިޔައީ މީގެ ދެ އަހަރު ކުރިން ވީ ގޮތަށް ކަންތަށް ވާން ބޭނުން ނުވާތީ ކަމުގައެވެ. އަދި އޭނާ ގެންދަން ވެގެން ކުޅުންތެރިން ދޫކޮށްލުމާއި ކުޅުންތެރިންގެ މުސާރަތައް ކުޑަ ކުރުމަކީ އެއްވެސް ގޮތަކަށް ބޭނުންވާ ކަމެއް ނޫން ކަމަށް މެސީ ބުންޏެވެ.

"ޔަގީން ވާ ކަމަކީ، އަހަރެން ބާސެލޯނާއަށް ގެންދަން ބައެއް މީހުން ބޭނުން ނުވާކަން، ގެއްލުން ވާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރި" ނޫސްވެރިންނާ ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

އެހެންވެ ޔޫރަޕުގެ އިތުރު ކުލަބަކަށް ނުގޮސް އާ ތަޖުރިބާއެއް ކުރަން ބޭނުންވީ ކަމަށް މެސީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޏނ

    ފްރާންސަކީ މުސްލިމު ނޫން މީހުންނަށް ވެސް ރައްކާތެރި ތަނެއްނޫން

    12
    • ޑޮނީ

      ފްރާންސްގެ ބެންޒެމާވެސް ގައުމުގަ ނޫޅުނީ އެހެންވެތޯއްޗެ.

  2. ޟޟމ

    އަދި އޭނާ ގެންދަން ވެގެން ކުޅުންތެރިން ދޫކޮށްލުމާއި ކުޅުންތެރިންގެ މުސާރަތައް ކުޑަ ކުރުމަކީ އެއްވެސް ގޮތަކަށް ބޭނުންވާ ކަމެއް ނޫން ކަމަށް މެސީ ބުންޏެވެ.

    މި ޖުމުލައިން މެސީ އަށް އޮތް ލޯބި އިތުރު ވެއްޖެ.........
    ސް ެެޮެ

    11
    2
    • އަހަންމާދީ

      އޭގެ ފަހަތުން ދެން އިންޖުމްލަ ކިޔާލިނަމަ ތިޔަ ނިންމުން ބަދަލުވީސްތާ

      1
      2
    • ހަސަނާ

      އެއާޖެހިގެން ފަހަތަށް އޮތް ޖުމްލަ ކިޔާލިނަމަ ތިޔަ ނިންމުން ބަދަލުވީސްތާ

      1
      3