ޕްރެމިއާ ލީގް ފުޓްބޯޅަ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ދެކުނު ކޮރެއާއަށް ނިސްބަތްވާ ނަޕޯލީގެ ކުޅުންތެރިޔާ ކިމް މިން ޖޭއަށް ފާރަލާން ފަށައިފިއެވެ.

ތުރުކީގެ ފެނަބާޗޭއަށް ކުޅެމުން ގެންދިޔަ އުމުރުން 26 އަހަރުގެ ކިމް ނަޕޯލީއާއި ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުގައިއެވެ. އެއަށްފަހު، އޭނާ ވަނީ ނަޕޯލީއަށް އިޓަލީ ލީގް ސީރީ އޭގެ ޓައިޓަލް ހޯދާ ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިއެވެ. އޭނާ ވަނީ ސީރީ އޭގެ އެންމެ މޮޅު ޑިފެންޑަރގެ މަޤާމްވެސް ހާސިލުކޮށްފައިއެވެ.

ނަޕޯލީގެ ފަހަތް ބަލަހައްޓަމުން އަންނަ ކިމްއާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖުލައި މަހުގައި ހަމަވާނެއެވެ. އެހެންކަމުން ޔުނައިޓެޑުން ދަނީ ހޫނު މޫސުމުގެ ސީޒަނަށް އޭނާ ޔުނައިޓެޑަށް ގެނައުމަށް ކިމްގެ އެޖެންޓުންނާއި މަޝްވަރާކުރަމުންނެވެ. މި ފަަހަރުގެ ޓްރާންސްފާގައި އެހެން ކްލަބަކުން އޭނާ ގަންނަން ބޭނުންވާނަމަ، ކިމްގެ ރިލީޒްއަށް އެ ޓީމަކުން ނަޕޯލީއަށް މަދުވެގެން 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕްރެމިއާ ލީގުގެ ކްލަބަކަށް ކުޅުމަކީ ކިމްގެ ހުވަފެނެކެވެ. އެކަމަކު، ރިޕޯޓްތައް ބުނާ ގޮތުގައި ކިމް ޔުނައިޓެޑްގައި މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، ދެކުނު ކޮރެއާގައި އޭނާ ފުރިހަމަ ކުރަން މަޖުބޫރު އަސްކަރީ ޚިދުމަތުގައި ދުވަސްކޮޅެއް ހޭދަކޮށްފައި ނޫނީ ކިމްއަށް އެއްވެސް ކްލަބެއްގައި ނުކުޅެވޭނެއެވެ.

ދެކުނު ކޮރެއާގެ ޤާނޫނުނުގައި ބަޔާންކޮށްފައިވާގޮތުން ނަމަ، އެ ޤައުމުގައި 18 އަހަރާއި 28 އަހަރާއި ދެމެދުގެ ކުޅަދާނަކަން ހުރި ކޮންމެ ފިރިހެނެއްވެސް 2 އަހަރު ދުވަހުގެ މުއްދަތަށް އަސްކަރީ ތަމްރީން ފުރިހަމަކުރުމަކީ ދެކުނު ކޮރެއާ ފިރިހެނުންގެ މައްޗަށް މަޖުބޫރު ކަމެކެވެ.

2018 ވަނަ އަހަރުގެ އޭޝިޔަން ގޭމްސްގައި ކިމްއާއި ޓޮޓެންހަމްއަށް ކުޅެމުންދާ ހުންގ މިން ސޮން ޤައުމަށް ހޯދާދިން ޝަރަފާއި ގުޅިގެން އެ ދެ ކުޅުންތެެރިން ފުރިހަމަކުރަންޖެހޭ އަސްކަރީ ތަމްރީންގެ މުއްދަތު ވަނީ ކުރުކޮށްލާފައިއެެވެ.

މިފަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ޔުނައިޓެޑުން ދަނީ ޓްރާންސްފާ މާކެޓްގައި ކިމްގެ އިތުރުން ޓޮޓެންހަމްގެ ހެރީ ކޭންއާއި ޗެލްސީއަށް ކުޅެމުންދާ މޭސަން މައުންޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު