އޭސީ މިލާނަށް ކުޅެމުން އަންނަ އިޓަލީގެ ޒުވާން ޑިފެންސިވް މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ ނިއު ކާސަލް ޔުނައިޓެޑަށް ކުޅެން އެއްބަސްވެއްޖެއެވެ.

އިޓަލީ ވިލާތަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ސަންޑްރޯއާއި ނިއު ކާސަލް ޔުނައިޓެޑުން ވަނީ 8 މިލިއަން ޔޫރޯގެ މުސާރައިގެ އިތުރުން 2 މިލިއަން ޔޫރޯގެ އެޑް-އޮން އަކަށް އެއްބަސްވެފައިއެވެ. މި އެއްބަސްވުމުގެ މުއްދަތު ދެމި އޮންނާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމުގައި ފުޓްބޯޅަ ޓްރާންސްފާ ޚަބަރުތައް ގެނެސްދިނުމުގައި ތަޖްރިބާކާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޯމާނޯ ރިޕޯޓްކޮށްފައިވެއެވެ.

ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ޓޮނާލީ ވަނީ އޭނާގެ ގައުމީ ޓީމަށް 14 މެޗް ކުޅެދީފައިއެވެ.

ނިއު ކާސަލްއިން ސަންޑްރޯ ޓޮނާލީ ގެނައުމުގެ މަސައްކަތް ނިންމުމަށް ބާރުއަޅަމުންދާއިރު، މިލާނުގެ މިޑްފީލްޑަރު 70 މިލިއަން ޔޫރޯ (އެޑް އޮން ހިމެނޭ ގޮތަށް) ނިއު ކާސަލްއާއި ގުޅޭނެ ކަމަށް ބެލެވެއެވެ. އެންމެ ފަހުގެ ޚަބަރުތައް ރިޕޯޓްކުރާ ގޮތުގައި މިހާރު މި ދެ ކްލަބުން ދަނީ އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ.

ބްރެސިކާގައި އުޅެނިކޮށް 2020 ވަނަ އަހަރުގައި ލޯން ޓްރާންސްފާއެއްގެ ދަށުން ޓޮނާލީ މިލާންއަށް ކުޅެން ފެށިއެވެ. އެއަށްފަހު، މިލާނުން ވަނީ ބްރެސިކާއަށް 15 މިލިއަން ޔޫރޯ ދައްކައިގެން އޭނާ މިލާންގައި ދާއިމީ ކުރުވާފައިއެވެ. މިލާނުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ޓޮނާލީ ވަނީ މޮޅު ކުޅުމެއް ދައްކައިގެން މިލާނަށް ސީރީ އޭގެ ޓައިޓަލް ހާސިލުކޮށްދިނުމުގައި އެހީތެރިވެދީފައިއެވެ.

70 މިލިއަން ޔޫރޯގެ އަގަކަށް ޓޮނާލީގެ ޓްރާންސްފާ ހަމަޖެހިއްޖެނަމަ އޭނާ ވެގެންދާނީ ނިއު ކާސަލްއިން މިހާތަނަށް ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މިއާއިއެކު، މިދިޔަ އޮގްސްޓްގައި ނިއު ކާސަލްއިން 59 މިލިއަން ޔޫރޯއަށް ހޯދާފައިވާ އެލެކްސެންޑާ އިސާކް ގަތް ރިކޯޑް މުގުރާލެވޭނެއެވެ.