ނިއުރޭޑިއަންޓްގެ ކޯޗުކަމުގެ މަގާމުން އޮސްކާ ބްރުޒޮން ވަކިވެއްޖެއެވެ.

ނިއުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ އޮސްކާ އެ ކްލަބަށް ކޮށްދިން ހިދުމަތްތަކަށް އެ ކްލަބާއި އެ ކްލަބުގެ ކުޅުންތެރިންނާއި އަދި ސަޕޯޓަރުންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ. އަދި މުސްތަގުބަލުގައި ވެސް އޭނާ އަށް ކާމިޔާބީ އަށް ނިއުއިން ވަނީ އެދިފައެވެ.

ނިއު ދޫކޮށްލުމަށްފަހު އޮސްކާ ބަދަލުވެފައިވަނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރާ ބަސަންދުރާ ކިންގް އަށެވެ.

ނިއުގެ ކޯޗުކަމާ އޮސްކާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ނިއު އިން ވަނީ އެ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. އަދި މި ސީޒަނުގެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ ނިއު އިންނެވެ.

އޮސްކާ ދިޔުމުން ނިއު އިން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސާފް ސުޒުކީ ކަޕަށް ލީގުގެ ކުޅުން މެދުކަނޑަލާފައިވާއިރު، ލީގުގެ ކުޅުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ.