މިދިޔަ ސީޒަންގައި އިޓަލީ ލީގުން ރެލިގޭޓްވި ސަމްޕްޑޯރިއާ ފުޓްބޯޅަ ކްލަބުގެ ކޯޗަކަށް ޔުވެންޓަސްގެ ކުރީގެ ކޯޗު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންޑްރިއާ ޕިރްލޯ ހަމަޖައްސައިފިއެވެ.

ޕިރްލޯ ސަމްޕްޑޯރިއާއާ އެކު ސޮއިކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ދެ އަހަރުގެ މުއްދަތު ހަމަވުމުން، އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ.

އުމުރުން 44 އަހަރުގެ ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމުގައި 2020-21 ވަނަ އަހަރު ކޮޕާ އިޓަލީ އާއި އިޓަލީ ސުޕަ ކަޕް ކާމިޔާބުކުރުމުގެ ފަހުން ޔުވެންޓަސްއަށް އިޓަލީ ލީގްގެ ހަތަރު ވަނަ ލިބުމުން އޭނާ މަގާމުން ވަކި ކުރިއެވެ.

އެންމެ ފަހަކަށް އޭނާ މަސައްކަތްކުރީ ތުރުކީ ލީގްގެ ފާތިހު ކަރަގުމްރޫކްގައިއެވެ. ތުރުކީ ލީގްގެ ތާވަލުން 7 ވަނަ ލިބުމަށްފަހު އޭނާ ވަނީ އެ ކްލަބަށް ކޯޗަކަން ކޮށްދިނުން ހުއްޓާލައިފައެވެ.

އިޓަލީ ސީޒަން ނިމުނުއިރު ސަމްޕްޑޯރިއާ އޮތީ ރެލިގޭޝަންގައިއެވެ. މާކޯ ޖިއާމްޕައޯލޯ މަގާމުން ވަކިކުރުމާ ގުޅިގެން އޮކްޓޯބަރު މަހު ސީޒަން ނިމެންދެން ޓީމުގެ ކުރީގެ މިޑްފީލްޑަރު ޑޭއާން ސްޓޭންކޮވިޗްގެ އިރުޝާދުގެ ދަށުން ތާވަލުގެ ފުލުގައި އޮވެ ސީޒަން ނިންމާލިއިރު، މިހާރު އެ ކްލަބުން ދެން ކުޅޭނީ 2011 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޓަލީގެ ދެވަނަ ޓިއާ (ސެރިއޭ ބީ)ގައިއެވެ.

އެހެންކަމުން، ކޯޗްކަން ކުރުމުގައި ތަޖްރިބާ ހުރި ޕިރްލޯއަށް ސަމްޕްޑޯރިއާއަށް ސެރިއޭ ބީއާއި ހަމައަށް އަނބުރާ ގެނެސްދިނުމަށް ކްލަބްގެ އާ ވެރިޔާ އަންޑްރިއާ ރަޑްރިއްޒާނީ އުންމީދުކުރެއެވެ. ރަޑްރިއްޒާނީ ބޭނުންވީ އިޓަލީއަށް ނިސްބަތްވާ އިޓަލީ ލީގްގައި ތަޖްރިބާ ހުރި ކޯޗެކެވެ.

ޕިރްލޯއާ މި މަގާމް ހަވާލުކުރީ އޭނާއާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި އިޓަލީ ތަމްސީލުކުރި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ފާބިއޯ ގްރޮއްސޯ މި މަގާމާ ހަވާލުވުމަށް އިންކާރުކުރުމުންނެވެ.