ކިތަންމެ ބޮޑު ތަރިއަކަށްވިޔަސް ޔުވެންޓަސްގައި ރޮނާލްޑޯއަށްވެސް އެހެން ކުޅުންތެރިންނަށްވުރެ ވަކި ހާއްސަކަމެއް ނޯންނާނެ ކަމަށް ޔުވެންޓަސްގެ ކޯޗް އަންދްރޭ ޕިރްލޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ފެރެންކްވަރަސް އަާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ޕިރޮލޯ ބުނީ ފަސް ފަހަރު ބެލަންޑޯ އެވޯޑް ހާސިލްކޮށް ތަރިއެއްގެ ލަގަބު ލިބިފައިވީނަމަވެސް އެހެން ކުޅުންތެރިންނަށްވުރެ ވަކި ހާއްސަ ހިދުމަތްތަކެއް ނުވަތަ ހާއްސަ އިނާޔަތްތަކެއް ޔުވެންޓަސްގައި އޭނާއަށް ނުލިބޭނެ ކަމަށެވެ.

ރޮނާލްޑޯއާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަމުން ޕިރްލޯ ބުނީ ރޮނާލްޑޯ އަކީ ކިހާ ހައިބަތު ބޮޑު ކުޅުންތެރިއެއްކަން ނޭނގޭ މީހަކު ނުހުންނާނެ ކަމަށާއި ހުދު އޭނާއަށްވެސް އެކަން އިނގޭނެ ކަމަށެވެ. އެހެން ނަމަވެސް ރޮނާލްޑޯ އަކީ އަމިއްލައަށް ބޮޑާވެ ކިބުރުވެރިވާ މީހެއް ނޫން ކަމަށާއި އެއީ ވަރަށް ހިތްހެޔޮ ހިތްތިރި ކުޅުންތެރިއެއް ކަމަށްވެސް ޕިރްލޯ ވަނީ ބުނެފައެވެ. އަދި ރޮނާލްޑޯގެ ގައިގައި ހުރި މިސިފަތަކުގެ ސަބަބުން އޭނާއާއި އެކު ރަނގަޅު ގުޅުމެއް އޮންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ރޮނާލްޑޯ ފަދަ "ޗެމްޕިއަން" އަކާއިމެދު ޓީމުންވެސް އަދި ހުދު އޭނާވެސް ކަންތައްތައް ކުރާނީ ޓީމުގެ ޒުވާން ކުޅުންތެރިންކަމަށްވާ ފްރެބޯޓާ އާއި ޕޯޓަނޯވާ އާއިމެދުވެސް ކަންތައްތައް ކުރެވޭ ގޮތައް ކަމަށް ޕިރްލޯ ވަނީ ބުނެފައެވެ. އަދި މިއީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހުރިއިރު އޭނާއާއިމެދުވެސް ކަންތައް ކުރެވިފައިވާ ގޮތްކަމަށް ޕިރްލޯ ވަނީ ބުނެފައެވެ.

މިސީޒަނުގައި އަދި ބައެއް މެޗުތަކެއް އެކި ސަބަބުތަކަކާއިހެދި ގެއްލުނު ނަމަވެސް ރޮނާލްޑޯ ވަނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކާ ހަމެޗުން އަށް ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.