ޔުވެންޓަސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކޮށްފިއެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޔުވެންޓަސްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި މިޑްފީލްޑަރު ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 177 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެތެރޭގައި މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅެދިން 48 މެޗުގައި ކާމިޔާބުކުރި 11 ލަނޑު ވެސް ހިމެނެއެވެ.

2019 ވަނަ އަހަރު ފުރާންސްގެ ޗެންޕިއަން ޕީއެސްޖީ އިން ހިލޭ ޓްރާންސްފާއެއްގެ ޔުވެންޓަސް އަށް ބަދަލުވި އެކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މިހާރު އޭނާ ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކުލަބުގައި މަޑުކުރަން ނިންމައިފި އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައެވެ.

އުމުރުން 28 އަހަރުގެ މިޑްފީލްޑަރު ޔުވެންޓަސްގެ އެއްބަސްވުން އާ ކުރިއިރު ފްރީ އެޖެންޓެއްގެ ގޮތުގައި އޭނާގެ ސޮއި ހޯދުމަށް އިގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން އައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޔުނައިޓެޑާއެކު އެއްބަސްވުމަކަށް ނާދެވި އެންމެ ފަހުން ޔުވެންޓަސްގައި އިތުރު އެއް އަހަރަށް މަޑުކުރަން އޭނާ ނިންމިއެވެ.

ރަބިއޯގެ ޓްރާންސްފާ ފެއިލް ވެފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑުން މިހާރު ވެސް އަންނަނީ ޗެލްސީގެ މޭސަން މައުންޓް، ބްރައިޓަންގެ މިޑްފީލްޑަރު މޮއިސް ކެއިސެޑޯ އާއި އަޔެކްސްގެ މުހައްމަދު ކުޑުސް އަދި އެފްސީ ޔޫޓްރެކްޓްގެ ޓޭލާ ބޫތު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޔުވެންޓަސްއިން އަންނަނީ ރަބިއޯގެ އިތުރުން ޓީމުގައި މޮޅު ކުޅުމެއް ދެއްކި މުހިއްމު ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ.