މެންޗެސްޓާ ޔުނައިޓެޑަށް އެޑްރިއެން ފްރާންސްގެ މިޑްފިލްޑަރު ރަބިއޯ ވިއްކާލަން ޔުވެންޓަސްއިން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ގޯލް" އިން ބުނީ، އުމުރުން 27 އަހަރުގެ ރަބިއޯގެ ޓްރާންސްފާއާ ގުޅޭގޮތުން ޔުނައިޓެޑެޑް އަދި ޔުވެންޓަސް މަޝްވަރާ ކުރުމަށްފަހު އެއްބަސްވުމަކަށް މިހާރު އައިސްފައިވާ ކަމަށެވެ.

ރަބިއޯ ވިއްކާލުމަށް ޔުވެންޓަސްއިން 15 މިލިއަން ޕައުންޑުގެ އަގެއް ހުށަހަޅާފައިވާއިރު، އެ އަގަށް ޔުނައިޓެޑުންވެސް އެއްބަސްވެފައިވާ ކަމަށް ގޯލް އިން ބުނެއެވެ. އަދި މިހާރު ކުރިޔަށްދަނީ ޓްރާންސްފާގެ އެންމެ ފަހުގެ ކަންކަން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑުން ރަބިއޯ ހޯދުމަށް މަސައްކަތްކޮށް، އެކަން ކާމިޔާބުކުރުމާ ގާތަށް ގޮސްފައި މިވަނީ އެ ކްލަބުން ބާސެލޯނާގެ މިޑްފިލްޑަރު ޑި ޔޮންގް ހޯދުމަށްވެސް މަސައްކަތް ކުރަމުން އައި ދަނޑިވަޅެއްގައެވެ.

ޕީއެސްޖީގެ އެކަޑަމީ އިން ޕީއެސްޖީގެ ސީނިއާ ޓީމުން 2012 ވަނަ އަހަރުގެ ސީޒަނުގައި ފެށި ރަބިއޯ ވަނީ އެ ކްލަބުގައި ހަތް ސީޒަން ހޭދަކޮށް ގިނަ ކާމިޔާބީ ހޯދާފައެވެ. މިގޮތުން ފަސް ފްރެންޗް ލީގު ތަށި، ފަސް ފްރެންޗް ލީގު ކަޕް، ފަސް ފްރެންޗް ކަޕް އަދި ހަތަރު ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީ ދޫކޮށް ރަބިއޯ ޔުވެންޓަސްއަށް ބަދަލުވީ 2019 ވަނަ އަހަރުގެ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް އެޓީމާއެކު ކާމިޔާބުކޮށްފައެވެ.