ފްރާންސް ލީގްގެ ލިސް ކުޅެމުން އަންނަ ފުޓްބޯޅަ ކުޅުންތެރިޔާ ޓިމޯތީ ވެއާ އިޓަލީގެ ކުޅޭ ޔުވެންޓަސް އަށް ބަދަލުވާން ނިންމައިފިއެވެ.

އެމެރިކާއަށް ނިސްބަތްވާ ޓިމޯތީ ވެއާ ވަނީ ފްރާންސްގެ ލިލްއަށް 107 މެޗް ކުޅެގެން އަށް ގޯލް ޖަހާދީފައިއެވެ. ނަމަވެސް، އެންމެ ފަހު ސީޒަންގައި އޭނާއަށް އެންމެ ލަނޑެއްވެސް ޖަހާދެވިފައި ނުވެއެވެ.

ނިމިގެން ދިޔަ ވޯލްޑް ކަޕްގައި އެމެރިކާއަށް ކާމިޔާބުކުރެވުނު ހަމައެކަނި ގޯލް ޖެހީވެސް ވެއާއެވެ. ވެއާގެ ދުވުމުގެ ބާރުމިނާއި، ބޯޅަ ކޮންޓްރޯލްކުރާ ގޮތުގެ އިތުރަށް ކުޅުމުގައި ގެންގުޅޭ ހުޝިޔާރުކަމާއި ތަޖްރިބާއަކީ މިވަގުތު ޔުވެންޓަސްއަށް ފައިދާކުރުވަނިވި އެއްޗެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.

ޔުވެންޓަސްގެ ވިންގާ އެންޖެލް ޑި މާރިއާ އާއި މިޑްފިލްޑާ ހުއާން ކުއަޑްރަޑޯ ކްލަބު ދޫކޮށްލުމުން އެތަން ފޫބައްދަން ވެއާއަކީ އެންމެ އެކަށޭނަ ކުޅުންތެރިޔާ ކަމަށް ބައެއް ތަޖްރިބާކާރުން ލަފާކުރެއެވެ.

ޔުވެންޓަސްއިން ވެއާ ހޯދާފައިވަނީ 13 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިގެންނެވެ.

1990 ގެ އަހަރުތަކުގައި ޓިމޯތީ ވެއާގެ ބައްޕަ ޖޯޖް ވެއާ ވަނީ އޭސީ މިލާންއަށް ކުޅެދީފައިއެެވެ. ސީރިއާގެ ލެޖެންޑެއްގެ ގޮތުގައި ފާހަގަކުރެވުނު ޖޯޖް ވެއާ ވަނީ އެ ކްލަބަށް ކުޅެދިނުމުގެ ތެރެއިން ބެލަން ޑޯ އެއްވެސް ހާސިލުކޮށްފައިއެވެ.

އެމެރިކާގެ ބްރޫކްލިންއަށް އުފަން ޓިމޯތީ ވެއާ ނިއު ޔޯކްގެ ރެޑް ބުުލްސްގައި އެއް އަހަރު ދުވަހު އުޅުމަށްފަހު، އޭނާގެ ކެރިއާ ފެށީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އިންނެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ގްލާސްގްލޯ ސެލްޓިކަށް ކުޅެދިނުމަށް ފަހު، އޭނާ ދެން މަސައްކަތްކުރަން ފެށީ ލިލްގައިއެވެ. ލިލްއިން އޭނާ ހޯދީ 11.3 މިިލިއަން ޑޮލަރުގެ ފީއެއް ދައްކައިގެންނެވެ.