ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުމާއި ކްލަބްގެ މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އޮޅުވާލާފައިވާ ކަމަށް ބުނެ، ޔުވެންޓަސް އަތުން 10 ޕޮއިންޓް އުނިކުރުމުން ޗެމްޕިއަންސް ލީގުގެ ޖާގައެއް އެ ޓީމަށް ނުލިބުމުގެ ބިރު ބޮޑުވެއްޖެއެވެ.

މި މައްސަލައިގައި އިޓަލީގެ ކޯޓުން ފުރަތަމަ ނިންމާފައި ވަނީ 15 ޕޮއިންޓް އުނި ކުރާށެވެ. އެކަމަކު، މައްސަލަ އެއްކޮށް ބެލުމަށް ފަހު ނިންމާފައި ވަނީ 10 ޕޮއިންޓް އުނި ކުރާށެވެ.

އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނާ ހަވާލާދީ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އީއެސްޕިއަން އަށް ބުނި ގޮތުގައި ފެޑަރަލް ކޯޓުން ވަނީ އެ ކްލަބުގެ މައްޗަށް ޓްރާންސްފާ ޑީލްތަކުގެ ހިސާބު ނުވަތަ އެކައުންޓިންގެ މައުލޫމާތުތައް އޮޅުވާލާފައިވާ ކަމަށް ނިންމައިފައެވެ.

މި ނިންމުމުގެ ސަބަބުން އިޓަލީ ލީގުގެ ދެވަނައިގައި އޮތް ޔުވެންޓަސް ވަނީ 59 ޕޮއިންޓާ އެކު، ތާވަލްގެ ހަތް ވަނަ އަށް ވެއްޓިފައެވެ. އެއްވަނައިގައި އޮތީ ލީގު ޗެމްޕިއަން ކަން ކަށަވަރުވެފައިވާ ނަޕޯލީއެވެ. އެ ޓީމަށް 36 މެޗުން ވަނީ 86 ޕޮއިންޓް ލިބިފައެވެ.

ޔުވެންޓަސް ވަނީ ތާވަލުގެ 14 ވަނައިގައި އޮތް އެމްޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި 4-1 ގެ ތަފާތަކުން ބަލިވެފައެވެ. ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. އެއީ ހަތަރު ވަނައިގައި އޮތް އޭސީ މިލާން އާއި ޔުވެންޓަސްއާ ދެމެދު ފަސް ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. އޭސީ މިލާން އެއް މެޗުން މޮޅުވިޔަސް، ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލޭނެއެވެ.

މި ނާކާމިޔާބީއަށްފަހު، ޔުވެންޓަސް ދެން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ވެސް އޭސީ މިލާންއާ ދެކޮޅަށެވެ. އިޓަލީ ލީގުގައި މި ދެ ޓީމަށް ބާކީ ދެ މެޗު އެބައޮތެވެ.

އިޓަލީ ކޯޓުން ވަނީ ކްލަބްގެ ކުރީގެ ބައެއް ބޯޑު މެންބަރުން ފުޓްބޯޅައިގެ ހަރަކާތްތަކުގައި ބައިވެރިވުން ވެސް މަނާކޮށްފައެވެ. އޭގެ ތެރޭގައި ކްލަބްގެ ކުރީގެ ރައީސް އަންޑްރެއާ އަންޔެއްލީވެސް ހިމެނެއެވެ.

ނިމިދިޔަ އަހަރުގެ ނޮވެމްބަރުގައި އެ ކްލަބްގެ ބޯޑު މެންބަރުން ވަނީ އިސްތިއުފާ ދީފައިއެވެ. އެއީވެސް އެ ކްލަބްގެ ބުކް ކީޕިންގ އޮޅުވާލާފައި ވުމުގެ މައްސަލަ ދައުލަތުގެ ވަކީލުން ތަހުގީގު ކުރުމާ ގުޅިގެންނެވެ.