ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު މޭސަން މައުންޓް، މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ދެ ކުލަބްގެ ދެމެދު އެއްބަސްވުމަކަށް އައިސްފިއެވެ.

މައުންޓް ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އެކަމަކު، އެ މަޝްވަރާތައް ހުއްޓިފައި އޮތުމަށް ފަހު، އަލުން މަޝްވަރާތައް ފެށީ އިއްޔެގައެވެ. ޗެލްސީން އަބަދުވެސް ބުނަމުން ދިޔައީ 70 މިލިއަން ޕައުންޑް ލިބިގެން ނޫނީ މައުންޓް ވިއްކާ ނުލާނެ ވާހަކައެވެ. މައުންޓް ހޯދުމަށް ޔުނައިޓެޑުން ތިން ބިޑެއް ހުށަހެޅި ނަމަވެސް އެ ބިޑް ބަލައިގެންފައެއް ނުވެއެވެ.

މައުންޓް އާ ގުޅޭ ގޮތުން ޔުނައިޓެޑުންނާއި ޗެލްސީން މަޝްވަރާ ކުރުމަށް ފަހު، ޔުނައިޓެޑުން ހުށަހަޅާފައި ވަނީ 55 މިލިއަން ޕައުންޑާއި އެޑްއޮންސްގެ ގޮތުގައި ފަސް މިލިއަން ޕައުންޑެވެ. އެ އަގަށް ޔުނައިޓެޑާއި ޗެލްސީން ވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންވެ، އުމުރުން 24 އަހަރުގެ މިޑްފީލްޑަރު އަންނަ ހަފްތާގައި ޔުނައިޓެޑްގެ މެޑިކަލް ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މައުންޓް ޔުނައިޓެޑާއެކުގައި ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އޭނާ އަށް ހަފްތާއަކު 250،000 ޕައުންޑްގެ މުސާރައެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ބޭން ނަމަ، އިތުރު އެއް އަހަރަށް އެއްބަސްވުން އާ ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

މައުންޓަކީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް އެންމެ ބޭނުންވި ކުޅުންތެރިޔާއެވެ.

މައުންޓް ޗެލްސީއާ ގުޅުނީ އޭނާގެ އުމުރުން އެންމެ ހަ އަހަރުގައެވެ. ޗެލްސީގެ ސީނިއާ ޓީމަށް އޭނާ ވަނީ 195 މެޗު ކުޅެދީ، 33 ގޯލް ކާމިޔާބުކޮށްދީފައެވެ. ޗެލްސީއާ އެކުގައި މައުންޓް ވަނީ ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕާ ކަޕް، އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑުން ވަނީ އަންނަނީ އިންޓަ މިލާނަށް ކުޅެމުން އަންނަ ގޯލްކީޕަރު އެންޑްރެ އޮނަނާ ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމަކު، އޭނާ ވިއްކާލަން އިންޓަ މިލާނުން ކިއާ އަގަކީ 50 މިލިއަން ޕައުންޑެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން ބޮޑު ހަރަދުތަކެއް ކުރި ނަމަވެސް ލީގުގެ 12 ވަނައިގައި ނިންމާލަން ޖެހުމުން ގިނަ ކުޅުންތެރިންތަކެއް ވަނީ އެ ޓީމު ދޫކޮށް އެހެން ކުލަބުތަކަށް ބަދަލުވާން ފަށައިފައެވެ.