އެންގޯލޯ ކަންޓޭ ބެލްޖިއަމްގެ ތިން ވަނަ ފަންތީގެ ކުލަބެއް ކަމުގައިވާ ރޯޔަލް އެކްސެލްސިއާ ވާޓަންގެ ވެރިއަކަށްވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ފްރާންސްގެ މިޑްފީލްޑަރު ކަންޓޭ، މި ކްލަބުގެ ޗެއާމަން ފްލެވިއޯ ބެކާއާގެ ބަދަލުގައި މި މަގާމާ ހަވާލުވާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަ އެ ތާރީޚުގައި އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކްލަބް އަލް އިއްތިހާދާ ގުޅެން ހަމަޖެހިފައެވެ. ޗެލްސީ އަށް ކުރިން ކުޅުނު ކަންޓޭ އަލް އިއްތިހާދާ ގުޅުނީ 172 މިލިއަން ޕައުންޑްގެ އަގަކަށެވެ. ކަންޓޭ އަލް އިއްތިހާދާއެކު ހަދާ އެއްބަސްވުން ދެ އަހަރުގެ މުއްދަތަކަށް ދެމިގެން ދާނެ ކަމުގައިވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޕްރޮފެޝަނަލް ލައިސަންސް އަލުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ބެލްޖިއަމްގެ މި ކްލަބުން ދަނީ 2023-24 ސީޒަނުގައި ބެލްޖިއަމްގެ ގައުމީ ޑިވިޝަން 1 ގައި ކުޅުމަށް މަސައްކަތްކުރަމުންނެވެ.

މި ކްލަބް ގަތުމަށް ކަންޓޭ ފީއެއް ދައްކާފައިވާ ކަމެއް އަދި ހާމަކޮށްފައިނުވެއެވެ. އެހެން ނަމަވެސް، އެ ކްލަބްއިން ނެރުނު ނޫސްބަޔާންގައި ބަޔާންކޮށްފައިވާ ގޮތުގައި ކްލަބްގެ ޗެއާމަންގެ މަސްއޫލިއްޔަތު ކަންޓޭއާއި ހަވާލުކުރަން ފްލެވިއޯ ބެކާއާ ހުރީ ވަރަށް އުފަލުންނެވެ. އަދި އޭނާއަކީ ހުނަރުވެރި ކުޅުންތެރިއަކަށްވުމުގެ އިތުރަށް ވަރަށް ރަނގަޅު މީހަކަށްވުމުން މި މަސްއޫލިއްޔަތު ހަވާލުކުރަން ނިންމަން ފަސޭހަވިކަމަށްވެސް ކްލަބުން ފާހަގަކޮށްފައިވެއެވެ.

ރޯޔަލް އެކްސެލްސިއާ ވާޓަން ބުނީ އެ ކްލަބަކީ އެއްވެސް ދަރަންޏެއް ނެތް ކްލަބަކަށްވުމުގެ އިތުރަށް ކުރިއަށް އޮތް ދުވަސްތަކުގައި ޑިރެކްޓަރުންގެ ބޯޑެއް ވެސް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަންޓޭ އޭނާގެ ކެރިއަރު ފެށީ ފްރާންސްގެ އޭމެޗަރ ޑިވިޝަން، ބުލޯންޔާއިންނެވެ. އެ ޑިވިޝަނަށް ކުޅެމުން ދަނިކޮށް 2013 ވަނަ އަހަރު ކާންޓޭ އަށް އޭނާގެ ހުނަރު ފާހަގަވެގެން ކާންޓޭގެ ކެރިއަރަށް އިތުރު ކުރިއެރުމެއް ލިބުނެވެ.

ޗެލްސީއަށް ބަދަލުވުމުގެ ކުރިން ކަންޓޭ ވަނީ 2015-2016 ވަނަ އަހަރުގެ ސީޒަންގެ ޕްރިމިއާ ލީގްގެ ތަށި ލެސްޓާ ސިޓީއަށް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެފައެވެ. އަދި ހަމައެއާއިއެކު، ޗެލްސީގައި ހޭދަކުރި ހަތް އަހަރު މުއްދަތުގެ ތެރޭގައި ކަންޓޭ ވަނީ އެ ކްލަބަށް ޗެމްޕިއަންސް ލީގް، ޕްރިމިއާ ލީގް، ޔޫރޮޕާ ލީގް އަދި އެފްއޭ ކަޕް ހާސިލުކޮށްދިނުމުގައިވެސް އެހީތެރިވެފައިއެވެ.

މީގެ އިތުރަށްވެސް، 2018 ވަނަ އަހަރުގައި ފްރާންސްއަށް ކާމިޔާބުކުރެވުނު ވޯލްޑް ކަޕްގެ ޝަރަފްވެރި ތަށި މިލްކުވީ ފަހަރުގައިވެސް ކަންޓޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅެދީފައެވެ.