ޗެލްސީއަށް ކުޅެމުން އަންނަ ފުރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ބަދަލުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކަންޓޭ އަލް އިއްތިހާދަށް ބަދަލުވެފައި ވަނީ ފްރީ ޓްރާންސްފާއެއްގައެވެ. ކަންޓޭގެ ކުރިން ރެއާލް މެޑްރިޑަށް ކުޅެމުން ދިޔަ ފްރާންސްގެ ހުނަރުވެރި ފޯވާޑް ކަރިމް ބެންޒެމާވެސް ވަނީ އަލް އިއްތިހާދަށް ބަދަލުވެފައެވެ.

އަނިޔާގެ ސަބަބުން މި ސީޒަނުގެ ބޮޑު ބައެއްގައި ކަންޓޭއަށް ނުކުޅެވުން ނަމަވެސް، ޗެލްސީގެ މެދު ތެރޭގައި ކަންޓޭވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކަންޓޭގެ މުސާރައިގެ ގޮތުގައި ކޮންމެ ސީޒަނެއްގައި 100 މިލިއަން ޔޫރޯ ލިބިގެން ދާނެއެވެ. އަދި ކަންޓޭ އަލް އިއްތިހާދާއި އެކު ހަދާ އެއްބަސްވުން ދެ އަހަރުގެ މުއްދަތަކަށް ދެމިގެން ދާނެ ކަމުގައިވެސް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އިނގިރޭސި ކުލަބް ލެސްޓާ ސިޓީން ޗެލްސީއަށް ބަދަލުވި އުމުރުން 32 އަހަރުގެ ކަންޓޭވަނީ އެކުލަބަށް ޖުމުލަ 190 މެޗު ކުޅެދީފައެވެ. އެއާއެކު ޖުމުލަ 11 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ޔުއެފްއާ ޗެމްޕިއަންސް ލީގު، ޔޫރަޕާލީގު އަދި ސުޕަރ ކަޕް ވަނީ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެފްއޭ ކަޕާއި ޕްރިމިއާ ލީގުވެސް ޗެލްސީއާއެކު ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެއް ފަހަރު ކުލަބް ވޯލްޑް ކަޕުވެސް ކާމިޔާބުކުރިއެވެ. ލެސްޓާ ސިޓީއާ އެކުވެސް ޕްރިމިއާ ލީގު ކާމިޔާބުކުރިއެވެ.

ފުރާންސްގެ ގައުމީ ޓީމުގައި 2016 ވަނަ އަހަރުން ފެށިގެން ކުޅެމުން ދާއިރު މިހާތަނަށް ޖުމުލަ 53 މެޗު ވަނީ ކުޅެދީފައެވެ. އަދި ދެ ގޯލުވެސް ކާމިޔާކޮށްދީފައި ވެއެވެ. 2018 ވަނަ އަހަރު ފުރާންސްއިން ވޯލްޑް ކަޕު ކާމިޔާބު ކުރި ޓީމުގައި ކަންޓޭގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަ ކުރެވެއެވެ. ވޯލްޑު ކަޕުގައި ތަފާތު މޮޅު ކުޅުމެއް ކަންޓޭ ވަނީ ދައްކައިފައެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ފުރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކަންޓޭ ވަނީ ހަމަ އެ އަހަރު ޗެލްސީގެ އެ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އޭގެ އިތުރުން އެފް ޓަބްލިއު އޭގެ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ކަންޓޭ ވަނީ ހޯދާފައެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޓޯ ސައުދީއަށް ބަދަލުވި ފަހުން ސައުދީ ޕުރޯ ލީގުގެ ޓީމުތަކުން ދަނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ގަތުމަށް މަސައްކަތް ކުރަމުންނެވެ. ފުރާންސްގެ ޕީއެސްޖީ ދޫކޮށްލުމާއި އެކު ސާޖިއޯ ރާމޮސް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާއިރު، ލިއޮނަލް މެސީ ހޯދުމަށްވެސް ސައުދީގެ ކުލަބަކުން ދަނީ މަސައްކަތް ކުރަމުންނެވެ.