އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާގެ އެއްބެސްވުން އާކުރުމާ މެދު މަޝްވަރާ ކުރުމަށް މެންޗެސްޓާ ޔުނައިޓެޑުން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި ހަފުތާގައެވެ. ޖޫން މަހުގެ 30 ވަނަ ދުވަހު އެއްބެސްވުން ހަމަވި ނަމަވެސް ޑެހެއާގެ ކައިވެނީގެ ކަންކަމުގައި އުޅޭތީ އެކަން ނިމެންދެން މަޝްވަރާތައް މަޑު ޖައްސާލީ ކަމުގައި ޔުނައިޓެޑުން ބުނެއެވެ.

ދެހާސް އެގާރަ ވަނަ އަހަރު އެތުލެޓިކޯ މެޑުރިޑު ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ޑެހެއާ ގެ މުސްތަގުބަލާ މެދު ގޮތެއް ނުނިމޭއިރު، މެންޗެސްޓާ ޔުނައިޓެޑުން ދަނީ އިންޓަ މިލާންގެ ކީޕަރު އަންދްރޭ އޮނާނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެން ކަމުން އަންނަ ސީޒަނުގައި ޔުނައިޓެޑުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ޑެހެއާ ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޑެހެއާގެ އެއްބަސްވުމާ މެދު ގޮތެއް ނިންމާނީ އަންނަ ސީޒަނުގައި އެއް ނަމްބަރު ކީޕަރު ޔަގީންވާ ނަމައެވެ. މިދިިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުކަމާ ނެދަލެންޑްސްގެ އެރިކް ޓެން ހާގް ހަވާލުވި ފަހުން، ޑެހެއާގެ މުސްތަގުބަލާ ބެހޭގޮތުން އެކި ފަހަރު މަތިން މީޑިއާގެ ސުވާލުތައް ކުރިމަތިވިއެވެ. ނަމަވެސް ޑެހެއާ ޓީމުގައި މަޑު ކުރާނެ ކަމުގެ އެއްވެސް ވާހަކައެއް ކޯޗު ހިއްސާކޮށްފައި ނުވާއިރު، އަންނަ ސީޒަނަށް އާ ކީޕަރުން ހޯދާނެ ކަމުގައި ވަނީ ބުނެފައެވެ.

އަށާރަ މިލިއަން ޔޫރޯއަށް ޔުނައިޓެޑަށް ބަދަލުވި ޑެހެއާ 2015 ވަނަ އަހަރުވެސް ކުލަބު ދޫކޮށްލުމާ ވަރަށް ގާތަށް ދިޔައެވެ. އެ އަހަރު ޑެހެއާ ބަދަލުވާން އުޅުނީ ރެއާލް މެޑުރިޑަށެވެ.

ނަމަވެސް ޓްރާންސްފާގެ ވަގުތު ހަމަވި އިރުވެސް ޔުނައިޓެޑުން ރެއާލް މެޑުރިޑަށް ފޮނުވަން ޖެހޭ ލިޔުންތަށް ނުފޮނުވުމުން ބަދަލު ވެވޭ ގޮތް ނުވިއެވެ.

ޕްރިމިއާ ލީގުގެ މޮޅު ކީޕަރަށް ދޭ "ރަން އަންގި" މިދިޔަ ސީޒަނުގައި ޑެހެއާ ވަނީ ހޯދައިފައެވެ. އަދި އޭގެ އިތުރުން އެންމެ ގިނަ މެޗުން ބަލި ނުވެ ކުޅުނު ކީޕަރުގެ ރެކޯޑުވެސް ވަނީ ހަދައިފައެވެ. އެހެން ކަމުން އަންނަ ސީޒަނުގައި ޔުނައިޓެޑުގެ ޓީމުން ޑެހެއާ ފެނުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެއް ކަމުގައިވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު